މި އަހަރުގެ ދެވަނަ ކުއާޓަރުގައި ބޭންކް އޮފް ރާއްޖެ (ބީއެމްއެލް) އަށް ސާފު ފައިދާގެ ގޮތުގައި 646.4 މިލިއަން ރުފިޔާ ލިބިއްޖެއެވެ. އެ ބޭންކުން އާންމުކުރި މާލީ ރިޕޯޓުން ދައްކާ ގޮތުގައި، މިއީ މި އަހަރުގެ ފުރަތަމަ ކުއާޓަރާއި މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރަށް ވުރެ ވެސް ބޮޑު އަދަދެކެވެ.
ނިމުނު އޭޕްރިލް އިން ޖޫން މަހުގެ ނިޔަލަށް ބީއެމްއެލްއަށް އާމްދަނީގެ ގޮތުގައި ލިބުނީ 1.5 ބިލިއަން ރުފިޔާއެވެ. މިއީ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީއަށްވުރެ 89 މިލިއަން ރުފިޔާ މަދު އަދަދެކެވެ. އާމްދަނީ ދަށްވި ނަމަވެސް ސާފު ފައިދާ އިތުރުކުރެވުނީ ހިންގުމުގެ ހަރަދުތައް ކުޑަކޮށް، ހިންގުމުގެ ފައިދާ އިތުރުކުރުމުންނެވެ.
މާލީ ރިޕޯޓަށް ބަލާއިރު، ދެވަނަ ކުއާޓަރުގައި ބީއެމްއެލްގެ އިންޓްރެސްޓް އާމްދަނީ ވަނީ 882.4 މިލިއަން ރުފިޔާއިން 955.3 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ނަމަވެސް ފީތަކާއި ކޮމިޝަންތަކުން ލިބުނު އާމްދަނީ ވަނީ 662.7 މިލިއަން ރުފިޔާއިން 532.5 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.
ދެވަނަ ކުއާޓަރުގެ ތެރޭގައި ބީއެމްއެލްއިން ވަނީ އިންވެސްޓުމަންޓު ހަރަކާތްތަކަށް 4.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. މިއީ އެ ބޭންކުގެ ކުންފުންޏެއް ކަމަށްވާ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން މެދުވެރިކޮށް ކުރިއަށްދާ ހައުސިން ޕްރޮޖެކްޓުތަކުގެ ހަރަދުތައް ކަމަށް ބެލެވެއެވެ. މީގެ އިތުރުން ދަރނީގެ ގޮތުގައި ނެގި ފައިސާ ވަނީ 854.8 މިލިއަން ރުފިޔާއިން ދެ ބިލިއަން ރުފިޔާއަށްވުރެ މައްޗަށް ގޮސްފައެވެ.
ދެވަނަ ކުއާޓަރުގެ ރަނގަޅު ނަތީޖާއާއެކު، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި 1.2 ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ވަނީ ލިބިފައެވެ. ޖުމްލަކޮށް ބަލާއިރު ބޭންކުގެ މާލީ ހާލަތު ވަރުގަދަކޮށް އޮތްއިރު، ޑިޕޮސިޓްތަކާއި ލޯނު ދޫކުރާ މިންވަރު ދަނީ އިތުރުވަމުންނެވެ.
