ދުނިޔެއިން މުޅިން ނެތިގޮސްފައިވާ ކަމަށް ބެލެވިފައި އޮތް، ތޫނު ދިގު ދަތްތަކެއް ހުންނަ "ވެމްޕަޔާ ޑިއަރ" ނުވަތަ ވެމްޕަޔާ ފުއްލާގެ ބާވަތެއް ކަމަށްވާ ހިމާލަޔަން މަސްކް ޑިއަރ އެއް 70 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ފެނިއްޖެއެވެ. މި ބާވަތުގެ ފުއްލާއެއް އަލުން ފެނިފައިވަނީ އިންޑިއާގެ ހުޅަނގު ބެންގާލްގެ ނިއޯރާ ވެލީ ނޭޝަނަލް ޕާކުގެ ފަރުބަދަމަތީ ސަރަހައްދެއްގައި ހަރުކޮށްފައި ހުރި ކެމެރާ ޓްރެޕެއްގެ އެހީގައެވެ.
މި ހޯދުމަކީ ޖަނަވާރުންގެ ދިރާސާތައް ކުރާ ސައިންސްވެރިންނަށާއި ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. މި ބާވަތުގެ ފުއްލާގެ ފިރިހެން އެއްޗެހީގެ އަނގައިގެ ދެފަރާތުން ތިރިއަށް ދިގުކޮށް ދެ ދަތް ނިކުމެފައި ހުންނައިރު، މިއީ އެ ސަރަހައްދުގައި ދިރިއުޅޭ ކަމުގެ އެއްވެސް ހެއްކެއް ފާއިތުވި ހަތްދިހަ އަހަރު ތެރޭގައި ފެންނަން ނެތް ދިރުމެކެވެ.
މި ބާވަތުގެ ފުއްލާތައް ނެތިދިއުމުގެ މައިގަނޑު ސަބަބަކީ އެ ތަކެތީގެ ހަށިގަނޑުގައި ހުންނަ ސެންޓް ގްލޭންޑް ނުވަތަ ކަސްތޫރީގެ ބޭނުމުގައި ޝިކާރަކުރުމެވެ. މީގެ އިތުރުން އެ ސަރަހައްދުތަކުގެ ވަލުޖަންގަލިތައް ހަލާކުވެ، ދިރިއުޅޭނެ މާހައުލު ގެއްލެމުންދިއުމަކީވެސް މި ޖަނަވާރު ނެތިދިއުމަށް މެދުވެރިވި ސަބަބެކެވެ.
ސައިންސްވެރިން ހާމަކުރާ ގޮތުގައި މި ފުއްލާ އަލުން ފެނުމުން އެނގެނީ އެ ސަރަހައްދުގެ ފަރުބަދަމަތީ ޖަންގަލިތަކަކީ އަދިވެސް ހިމާޔަތްކުރަން ޖެހޭ މުހިންމު މާހައުލެއް ކަމެވެ. އަދި މިފަދަ ހޯދުންތަކުގެ ސަބަބުން ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރުންތައް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ.
