މިދިޔަ ޖޫން މަހު ރާއްޖޭގެ މަސްވެރިކަން ވަރަށް ބޮޑަށް ދަށްވުމަށްފަހު، ޖުލައި މަހު މަސްވެރިކަން ރަނގަޅުވެ މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު 49.8 މިލިއަން ރުފިޔާއަށް އަރައިފިއެވެ. މިއީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތެވެ.
މިފްކޯއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ނިމުނު ޖުލައި މަހު އެ ކުންފުންޏަށް ޖުމްލަ 2،475 ޓަނުގެ މަސް ވަނީ ކިރުވައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 2،400 ޓަނުގެ ކަޅުބިލަމަހާއި، 10 ކިލޯއަށްވުރެ ބަރުދަން ބޮޑު ކަންނެލީގެ 12 ޓަނުގެ އިތުރުން 15 ކިލޯއަށްވުރެ ބަރުދަން ބޮޑު ކަންނެލީގެ 63 ޓަނެވެ.
ޖުލައި މަހުގެ އާމްދަނީއާއި ކިރުވި މަހުގެ އަދަދު ވަނީ އޭގެ ކުރީ މަހާ އަޅާބަލާއިރު ހަތަރު ގުނަ އިތުރުވެފައެވެ. ޖޫން މަހު މިފްކޯއަށް ކިރުވައިފައިވަނީ އެކުޖުމްލަ 568 ޓަނުގެ މަހެވެ. އެއީ 484 ޓަނުގެ ކަޅުބިލަމަހާއި، 10 ކިލޯއަށްވުރެ ބަރު ކަންނެލީގެ 17 ޓަނުގެ އިތުރުން 15 ކިލޯއަށްވުރެ ބަރު ކަންނެލީގެ 67 ޓަނެވެ. ޖޫން މަހު މަސްވެރިންނަށް ދޫކޮށްފައިވަނީ 11.3 މިލިއަން ރުފިޔާއެވެ.
ޖުލައި މަހު ދޫކުރި 49.8 މިލިއަން ރުފިޔާގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ކަޅުބިލަމަސް ކިރުވައިގެން ދޫކުރި ފައިސާއެވެ. އެގޮތުން ކަޅުބިލަމަހަށް 48 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، 10 ކިލޯއަށްވުރެ ބަރު ކަންނެލިއަށް 234،100 ރުފިޔާ އަދި 15 ކިލޯއަށްވުރެ ބަރު ކަންނެލިއަށް 1.57 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މިއަހަރުގެ މިހާތަނަށް މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ރަނގަޅަށް މަސްވެރިކަން ކޮށްފައިވަނީ އޭޕްރިލް މަހުއެވެ. އެ މަހު 4،414 ޓަނުގެ މަސް ކިރުވައި، މަސްވެރިންނަށް 78.8 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. މިއާ ހިލާފަށް މިއަހަރު މަސްވެރިކަން އެންމެ ދަށްވި މަހަކީ ޖޫން މަހެވެ.
މިފްކޯއިން ބުނި ގޮތުގައި ޖޫން މަހު މަސްވެރިކަން އާދަޔާ ހިލާފަށް ދަށްވާން ދިމާވި މައިގަނޑު ސަބަބަކީ ހުޅަނގު މޫސުމުގެ ބާރުގަދަވެ އެންވެރިކަން ދަށްވުމެވެ. އަދި އާންމުކޮށްވެސް ޖޫން މަހާއި އޯގަސްޓު މަހަކީ ރާއްޖޭގައި މަސްވެރިކަން ދަށް ދުވަސްވަރެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.
