ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ޗުއްޓީއަށްފަހު، 77،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ދެވަނަ ޓާމުގެ ކިޔެވުން އާދިއްތަ ދުވަހު ފަށައިފިއެވެ. ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި ސްކޫލްތައް ޗުއްޓީއަށް ދިޔައީ ޖުލައި 16 ވަނަ ދުވަހުއެވެ.
ޖުމްލަ 16 ދުވަހުގެ ޗުއްޓީއެއް ދަރިވަރުންނަށް ލިބުނުއިރު، ޗުއްޓީގެ ވަގުތު ރަނގަޅު ގޮތުގައި ހޭދަކުރުމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކުރިއެވެ. އެގޮތުން ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަށާއި، ބަރުދަން އިތުރުވިޔަނުދިނުމަށާއި، ފޮތް ކިޔުމާއި ސިއްހަތަށް ގެއްލުންހުރި ކަންކަމުން ދުރުހެލިވުމަށް އެދިފައިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މައުލޫމާތުތަކަށް ބަލާއިރު، ސަރުކާރުގެ 219 ސްކޫލެއްގައި ދަރިވަރުން ތައުލީމު ހާސިލުކުރަމުންދެއެވެ. އަދި މި އަހަރު އަލަށް ގްރޭޑް 1 އަށް 4،790 ދަރިވަރުން ވަނީ ގުޅިފައެވެ. މީގެ އިތުރުން މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 18 އިން ޖެނުއަރީ 12 އަށެވެ.
ސްކޫލްތަކުގައި ދަރިވަރުންނަށް ކިޔަވައިދިނުމުގައި 6،516 ދިވެހި ޓީޗަރުންނާއި 1،843 ބިދޭސީ ޓީޗަރުން ހަރަކާތްތެރިވެއެވެ.
