އޮންލައިން ޕްލެޓްފޯމްތަކުން އަގުހެޔޮކޮށް ވިއްކާ "ސްޓާލިން ސިލްވާ" ނުވަތަ ރިހި ގަހަނާތަކުގައި ސިއްހަތަށް ނުރައްކާތެރި ވިހަ މާއްދާތައް އެކުލެވޭކަން ހާމަވެއްޖެއެވެ.
އީބޭ އަދި އެހެނިހެން އޮންލައިން ފިހާރަތަކުން ވިއްކާ ބައެއް ރިހި ގަހަނާތަކަކީ އަސްލު ރިހި ނޫންކަމާއި، އޭގައި އިންސާނާގެ ފުރާނައަށް ނުރައްކާވާފަދަ ކެމިކަލްތައް ހުންނަކަން ދާދިފަހުން ކުރެވުނު ތަހުގީގުތަކުން ވަނީ އެނގިފައެވެ. އަދި މިފަދަ ގަހަނާތަކުގައި "925" ޖަހާފައި ހުރި ނަމަވެސް، އެއީ ނަކަލު ސިއްކައެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ތަހުލީލުތަކުން ދައްކާ ގޮތުގައި އަސްލު ނޫން ރިހި ގަހަނާތަކުގައި ކެންސަރަށް މަގުފަހިކުރާ ކެޑްމިއަމް އަދި ސީސާ ފަދަ ނުރައްކާތެރި މާއްދާތައް ގިނަ އަދަދަކަށް އެކުލެވޭކަން ވަނީ ފާހަގަކުރެވިފައެވެ. ބައެއް ގަހަނާތަކުގައި ގާނޫނީ އިމަށްވުރެ ނުވަހާސް ގުނަ އިތުރަށް ކެޑްމިއަމް ހުރިއިރު، މިއީ ގުރުދާއާއި ފުއްޕާމޭ އަދި ކަށިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭ މާއްދާއެކެވެ. ހާއްސަކޮށް ތޮރުފާފައިވާ ތަންތަނުގައި އަޅާ ގަހަނާއާއި ކުޑަކުދިން ބޭނުންކުރާ ގަހަނާތަކުން މިފަދަ މާއްދާތައް ހަށިގަނޑަށް ވާސިލުވުމުގެ ނުރައްކާ ބޮޑެވެ.
އަސްލު 925 ސްޓާލިން ސިލްވާއަކީ އާންމުކޮށް ބޭނުންކުރަން ރައްކާތެރި އެއްޗެއް ކަމަށްވިޔަސް، އޮންލައިންކޮށް ވަކިން ހާއްސަކޮށް ނޭނގޭ ފަރާތްތަކުން ވަރަށް އަގުހެޔޮކޮށް ވިއްކާ ގަހަނާ ގަތުމުގައި ސަމާލުވުމަށް އިރުޝާދުދެއެވެ. ގަހަނާގެ އަސްލުކަން ކަށަވަރުކުރުމަށްޓަކައި މެގްނެޓް ބޭނުންކޮށްގެން ޓެސްޓުކުރުމާއި، އިތުބާރުހުރި ތަންތަނުން އެކަނި ގަހަނާ ގަތުމަށް ތަޖުރިބާކާރުން އިރުޝާދުދެއެވެ. އަދި އަގުބޮޑު ރިހި ވަރަށް އަގުހެޔޮކޮށް ވިއްކާނަމަ އެއީ ނަކަލު އެއްޗަކަށް ވުން ގާތްކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ.
