ފްރެންޗް ލީގުގެ ޗެމްޕިއަނުންނާ، ފްރެންޗް ކަޕް ކާމިޔާބުކުރާ ޓީމުގެ މެދުގައި ފްރާންސްގައި ކޮންމެ ސީޒަނެއް ފެށުމުގެ ކުރިން ކުޅެމުން އަންނަ މެޗުން ގަދަފަދަ ޕީއެސްޖީ 1-0 އިން ބަލިކޮށް ލިއްލެ އިން ފްރެންޗް ސުޕަ ކަޕް އުފުލާލައިފި އެވެ.

މިއީ އެ ޓީމުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަަމަ ފަހަރެވެ. އަދި މިދިޔަ ސީޒަނުގެ ލީގު އެ ޓީމުން ކާމިޔާބުކުރީ ވެސް 10 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.

ޕީއެސްޖީން ރޭގެ މެޗަށް ނިކުތީ އެ ޓީމުގެ ފޯވާޑްލައިންގައި ހިމެނޭ އެންމެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ފްރާންސްގެ ކިލިއަން އެމްބާޕޭ އާއި ބްރެޒިލްގެ ތަރި ނޭމާ ނުލައެވެ. އަދި އެ ޓީމުން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ގެނައި ކުޅުންތެރިން ކަމަށްވާ ސްޕެއިންގެ ޑިފެންޑަރު ސާޖިއޯ ރާމޯސް އާއި އިޓަލީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ވެސް މި މެޗުގައި ނުކުޅެއެވެ. އެކަމަކު އެ ޓީމަށް ދާދިފަހުން ބަދަލުވި މޮރޮކޯގެ ފުލްބެކް އަޝްރަފް ހަކީމީ އާއި ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް ރޭގެ މެޗުގައި ކުޅުނެވެ.

އިޒްރޭލްގެ ޓެލް އަވީވްގައި ހުންނަ ބްލޫމްފީލްޑް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ މިޑްފީލްޑަރު ޒެކާ އެވެ. މިއީ އެ ޓީމަށް ކުޅެމުން އަންނަ ތުރުކީގެ ފޯވާޑް ބުރަކް ޔިލްމާޒް ދިން ބޯޅައަކުން ޒެކާ ކާމިޔާބުކުރި ރީތި ގޯލެކެވެ.

އޭގެކުރިން، މެޗު ފެށިގެން ހަވަނަ މިނެޓުގައި ލިއްލެ އަށް ލީޑްނަގައިދޭން ޔިލްމާޒް އަށް ލިބުނު ފުރުސަތުގައި ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ޕީއެސްޖީގެ ކީޕަރު ކޭލޯ ނަވާސް މަތަކުރިއެވެ. އަދި އޭގެފަހުން ލިއްލެގެ އަވަސް އެޓޭކެއްގައި ޖޮނަތަން ޑޭވިޑް އާއި ޔިލްމާޒް ގުޅިގެން އުފެއްދި ހަމަލާއަކުން ޔިލްމާޒް ފޮނުވާލި ބޯޅަ ވެސް ނަވާސް ހުއްޓުވިއެވެ. މި ހާފުގައި ޕީއެސްޖީގެ ޖޫލިއަން ޑްރެކްސްލާ ފޮނުވާލި ހަމަލާގެ ހުރަހަކަށް ވީ ލިއްލެގެ ކީޕަރު ލިއޯ ޖާޑިމް އެވެ.

މި މެޗުގެ ދެވަަނަ ހާފު ނިމެން ދަނިކޮށް ޕީއެސްޖީ އަށް އެއްވަރުކޮދޭން ރަނގަޅު ދެ ފުރުސަތެއްލިބި ވަނީ ބޭކާރުވެފައެވެ. ކަނާތް ފަރާތުން އެ ޓީމުގެ ފުލްބެކް ހަކީމީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިޔާތެރޭގައި ހުރި ޑަނީލޯ ޕެރޭރާ ބޮލުން ފޮނުވާލި ބޯޅަ ލިއްލެގެ ކީޕަރު ޖާޑިމް މަތަކުރިއެވެ. އަދި އޭގެފަހުން، ޑްރެކްސްލާ ދިން ބޯޅަ އަކުން ޕެނަލްޓީ އޭރިޔާގެ ރޮނގުމަތިން ވައިނަލްޑަމް ފޮނުވާލި ބޯޅަ ވެސް ޖާޑިމް ހުއްޓުވިއެވެ.