ރަޝިއާގެ ރައީސް ވްލަދިމީރް ޕޫޓިންގެ އަންހެން ދަރިފުޅު ކަމަށް ބެލެވޭ ލުއީޒާ ރޯޒޯވާ، ފްރާންސްގެ ޕެރިސްގައި ވަގު ނަމެއްގައި ޑީޖޭއެއްގެ ގޮތުގައި ދިރިއުޅެމުންދާކަން ހާމަވެއްޖެއެވެ. އުމުރުން 21 އަހަރުގެ ލުއީޒާ ޕެރިސްގައި އުޅެނީ އޭނާގެ ހަގީގީ އައިޑެންޓިޓީ ވަންހަނާކޮށް، ސިއްރު ނަމެއްގައެވެ.

ޔޫކްރެއިންގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، 2022 ވަނަ އަހަރު ރަޝިއާއިން ޔޫކްރެއިނަށް ހަމަލާދޭން ފެށުމާއެކު ސޯޝަލް މީޑިއާއިން ގެއްލުނު ލުއީޒާ ވަނީ ޕެރިސްއަށް ބަދަލުވެފައެވެ. އޭނާއަކީ ޕޫޓިންއާ އެކު ކުރިން ގުޅުމެއް އޮތް ސުވެޓްލާނާ ކްރިވޯނޯގިކްގެ ދަރިއެކެވެ. ސުވެޓްލާނާއަކީ މިހާރު ރަޝިއާގެ އެންމެ މުއްސަނދި އަންހެނުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

މައުލޫމާތު ލިބޭގޮތުގައި ލުއީޒާ ވަނީ ޕެރިސްގެ މަޝްހޫރު ކްލަބްތަކުގައި ޑީޖޭކޮށް، ފެޝަން ދާއިރާގައިވެސް މަސައްކަތްކޮށްފައެވެ. ނަމަވެސް ޕޫޓިންގެ ދަރިއެއްކަން ހާމަވުމުން އޭނާ ވަނީ މީޑިއާތަކާ ދުރުގައި އުޅެން މަސައްކަތްކޮށްފައެވެ.