އިންސާނުންގެ ދަތް އަލުން ފަޅުވައިދޭ ބޭހެއް ޓެސްޓުކުރުމުގެ ތަހުލީލުތައް ޖަޕާނުގެ ބަޔޯޓެކް ކުންފުންޏަކުން ފަށައިފިއެވެ.

މި ބޭހަކީ އިންސާނުންގެ ހަށިގަނޑުގައި ދަތް ފެޅުން ހުއްޓުވާ ޖީންއެއް ކަމަށްވާ "USAG-1" ގެ މަސައްކަތް ހުއްޓުވައި، ދަތް އަލުން ފަޅުވުމަށް އެހީތެރިވެދޭ ބޭހެކެވެ.

މި ބޭހުގެ ޓެސްޓުތައް ފެށުމުގެ ކުރިން، ކުދި ޖަނަވާރުތަކުގައި ކުރި ޓެސްޓުތަކުން ވަނީ ކާމިޔާބު ނަތީޖާއެއް ލިބިފައެވެ. އަދި މިހާރު ފަށާފައިވާ ތަހުލީލުތަކުގައި އިސްކަންދެނީ އުފަންވީއިރު ދަތް މަދު މީހުންނާއި އަނިޔާއެއްގެ ސަބަބުން ދަތް ވެއްޓިފައިވާ މީހުންނަށް މި ބޭހުން ކުރާ އަސަރު ބެލުމަށެވެ.

މި ތަހުލީލުތައް ކާމިޔާބުވެއްޖެނަމަ، ދަތް ޖެހުމާއި ދަތްޕިލަ ލެއްވުމުގެ ބަދަލުގައި އިންސާނުންނަށް ތިންވަނަ ދަތްޕިލައެއް ފެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މިއީ ކުރިއަށް އޮތް ތަނުގައި ދަތުގެ ފަރުވާއަށް ބޮޑު އިންގިލާބީ ބަދަލެއް އަންނާނެ ކަމެއް ކަމަށް މާހިރުން ބުނެއެވެ.