މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ބައިވެރިޔާ ޖޯޖީނާ ރޮޑްރީގޭޒް ކައިވެނިކޮށްފި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރުނު ހަބަރުތަކަކީ ހަގީގަތެއް ނެތް ދޮގު ހަބަރުތަކެއް ކަން ވަނީ ހާމަވެފައެވެ. ޕޯޗުގަލްގެ ކިންޓާ ދާ ރެގަލޭރާގައި މި މަހުގެ 1 ވަނަ ދުވަހު ސިއްރު ކައިވެނީގެ ހަފްލާއެއް ބޭއްވި ކަމަށް ބުނެ އަޑުތައް ފެތުރުނު ނަމަވެސް، އެ ދުވަހު އެ ފަދަ އެއްވެސް ކަމެއް ހިންގާފައެއް ނުވެއެވެ.
ރޮނާލްޑޯގެ އާއިލާއާ ގާތް ފަރާތްތަކުންނާއި ސްޕެއިންގެ މީޑިއާތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އެ ދުވަހު ކައިވެނީގެ ހަފްލާއެއް ބޭއްވި ކަމަށް ބުނާ ތަނަކީ އާންމުންނަށް ހުޅުވާލެވިގެން ކޮންސަޓެއް ވެސް ބޭއްވި ތަނެކެވެ. އެހެންކަމުން އެ ތަނުގައި ސިއްރު ކައިވެންޏެއް ބޭއްވުމަކީ އެއްވެސް ވަރަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. ނަމަވެސް، މި ހަބަރުތަކަށް ފަހު ރޮނާލްޑޯގެ އުފަން ރަށް ކަމަށްވާ މަޑޭރާގައި މި މަހުގެ 8 ވަނަ ދުވަހު ކައިވެނި ބާއްވަން އުޅޭ ކަމުގެ އާ އަޑުތަކެއް ވަނީ ފެތުރެން ފަށާފައެވެ.
އެކުގުޅިގެން އުޅޭތާ 10 އަހަރާ ގާތްވެފައިވާ އަދި 5 ކުދިން ތިބި ރޮނާލްޑޯ އާއި ޖޯޖީނާ އެންގޭޖްވީ 2025 ވަނަ އަހަރުގެ އޯގަސްޓް މަހުގައެވެ. ކައިވެނި ކުރުމުގެ ޝައުގުވެރިކަން ދެ މީހުންގެވެސް ހުރި ނަމަވެސް، ކައިވެނި ކުރާނެ ވަކި ތާރީހެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމުން ސޯޝަލް މީޑިއާގައި ފެތުރޭ ހަބަރުތަކުގެ ހަގީގަތް އެނގޭނީ ދެ މީހުންގެ ފަރާތުން ރަސްމީ ނިންމުމެއް އައުމުންނެވެ.
