މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކުގައި ރައްޔިތުންނަށް ގެއްލުނު ފައިސާގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ފައިސާ އަނބުރާ ހޯދައިދީފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ހިދުމަތުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ޖުލައި 26 އިން އޯގަސްޓް 1 ގެ ނިޔަލަށް ހުށަހެޅުނު ސްކޭމް މައްސަލަތަކުގައި ގެއްލުނު ފައިސާގެ 49 ޕަސަންޓު ވަނީ އަނބުރާ ހޯދައިދީފައެވެ.
ފުލުހުން ބުނި ގޮތުގައި، އެ ހަފުތާގެ ތެރޭގައި ސްކޭމްގެ ޖުމްލަ 42 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މި މައްސަލަތަކުގައި އާންމުންނަށް 334,549.00 ރުފިޔާގެ މާލީ ގެއްލުން ވެފައިވާއިރު، ފުލުހުންގެ އަވަސް ފިޔަވަޅުތަކާއެކު އޭގެ ތެރެއިން 163,558.00 ރުފިޔާ ވަނީ އަނބުރާ ހޯދައިދީފައެވެ. މިއީ މާލީ ކުށްތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ފުލުހުން ބުންޏެވެ.
އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން 15 މައްސަލައާއެކު 35.71 ޕަސަންޓު ހިއްސާކުރަނީ އީ-ކޮމާސް ސްކޭމްތަކެވެ. ދެވަނައަށް އެންމެ ގިނައިން ހުށަހެޅުނީ ބުކިން ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ނަމުގައި ހިންގާފައިވާ އޮޅުވާލުންތަކެވެ. އެއީ 11 މައްސަލަ ނުވަތަ 26.19 ޕަސަންޓެވެ. އަދި ބޭރު ފައިސާ މާރުކުރުމުގެ 8 މައްސަލައާއި، އެހެން މީހަކަށް ހެދިގެން ފައިސާ ހޯދުމުގެ 3 މައްސަލަވެސް ހިމެނެއެވެ.
މިފަދަ މައްސަލަތައް އިތުރުވަމުންދާތީ، ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަން ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ބުކިން ކެންސަލްކޮށް ފައިސާ އަނބުރާ ފޮނުވުމުގެ ކުރިން، އަމިއްލަ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ޔަގީންކުރުމަށް ފުލުހުން އެދެއެވެ. އަދި އޮންލައިންކޮށް ވިޔަފާރިކުރުމުގައި އިތުބާރު ނުކުރެވޭ ފަރާތްތަކަށް ކުރިއާލާ ފައިސާ ނުފޮނުވުމަށާއި، ކޭޝް އޮން ޑެލިވަރީ އުސޫލު ބޭނުންކުރުމަށް ފުލުހުން އިރުޝާދު ދެއެވެ.
މީގެ އިތުރުން، ބޭރު ފައިސާ މާރުކުރުމުގައި ރަސްމީ ބޭންކުތަކާއި ހުއްދަ އޮންނަ ތަންތަނުގެ ހިދުމަތް ހޯދުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އަދި ދަންނަ މީހެއްގެ ނަމުގައި މެސެޖުކޮށްގެން ފައިސާއަށް އެދުނު ނަމަވެސް، ފައިސާ ފޮނުވުމުގެ ކުރިން އެއީ ސައްހަ މުއާމަލާތެއްކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއްކަމަށް ފުލުހުން ބުންޏެވެ.
