މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މާލޭގެ މަގުތަކުން 21،000 އަށްވުރެ ގިނަ އުޅަނދު ބަލައިފާސްކޮށް، 10،000 އަށްވުރެ ގިނަ އުޅަނދު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޖެނުއަރީ އެކަކުން ޖޫން 30 ގެ ނިޔަލަށް އެކުލަވާލާފައިވާ މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 118 އުޅަނދު ވަނީ ބަލައިފާސްކޮށްފައެވެ. އަދި ކޮންމެ ދުވަހަކު އެވްރެޖުކޮށް 60 އުޅަނދު ޖޫރިމަނާކުރިއިރު، ބެލި ކޮންމެ 100 އުޅަނދުގެ ތެރެއިން 51 އުޅަނދު ޖޫރިމަނާކޮށް، 41 އުޅަނދަކަށް ވަނީ ނަސޭހަތްދީފައެވެ. މަގުމަތީގެ އަމާންކަން ބެލެހެއްޓުމަށްޓަކައި މާލޭގައި 998 ޗެކްޕޮއިންޓު ގާއިމުކޮށް، ސްކޫލް ސަރަހައްދުތަކާއި ޓްރެފިކް ބެލެހެއްޓުމަށް 10،000 އަށްވުރެ ގިނަ ހަރަކާތް ވަނީ ހިންގާފައެވެ.

ގަވާއިދާ ހިލާފަށް ޕާކުކޮށްގެން 3،417 އުޅަނދެއް ޓޯކޮށްފައިވާއިރު، މީގެ ތެރޭގައި އެންމެ ގިނައީ ސައިކަލެވެ. އެއީ 3،336 ސައިކަލާއި ހަތަރުފުރޮޅުލީ 81 އުޅަނދެވެ. މީގެ އިތުރުން ރަސްމީ މުނާސަބަތުތަކާ ގުޅިގެން ނޯޓިސް ދިނުމަށްފަހު 1،080 އުޅަނދެއް ވަނީ އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.

ލައިސަންސް ނެތި އުޅަނދު ދުއްވި 1،052 މީހަކަށް ފިޔަވަޅު އަޅާފައިވާއިރު، މިއީ ދުވާލަކު އެވްރެޖުކޮށް ހަ މީހުންނެވެ. އަދި ރަޖިސްޓްރީކޮށްފައިވާ ޒޯން ނޫން އެހެން ޒޯނެއްގައި ދުއްވި 71 އުޅަނދަކާއި، ނުރައްކާތެރިކޮށް ދުއްވި 77 މައްސަލައެއްގެ އިތުރުން، ގަވާއިދާ ހިލާފަށް ބަދަލުގެނެސްގެން ދުއްވި 32 އުޅަނދަކަށް ވަނީ ފިޔަވަޅު އަޅާފައެވެ. އަދި ފުލުހުންގެ އެކި ތަހުގީގުތަކާ ގުޅިގެން 348 އުޅަނދަކަށް ފިޔަވަޅު އަޅާފައިވެއެވެ.

ކުރެވުނު ޖުމްލަ ޖޫރިމަނާތަކުގެ ތެރެއިން އެންމެ ގިނައީ އުޅަނދުގެ އަހަރީ ފީ މުއްދަތު ހަމަވެގެން ކުރި ޖޫރިމަނާއެވެ. އެގޮތުން އަހަރީ ފީ ނުދައްކައިގެން 2،249 ޖޫރިމަނާއެއް ކޮށްފައިވާއިރު، މިއީ މުޅި ޖޫރިމަނާގެ 20.67 ޕަސަންޓެވެ. އަދި އެންމެ ގިނައިން ފާހަގަކުރެވުނު 10 ބާވަތުގެ ކުށަށް ކުރެވުނު 8،611 ޖޫރިމަނާއަކީ ޖުމްލަ ޖޫރިމަނާގެ 79.16 ޕަސަންޓެވެ. މީގެ ތެރޭގައި އިންޝުއަރެންސާއި ރޯޑްވާދިނަސް ހަމަވުމާއި، ދުއްވަމުން ފޯނު ބޭނުންކުރުން ފަދަ ކަންކަން ހިމެނެއެވެ.