އިނގިރޭސިވިލާތުގެ ބާމިންގްހަމްގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައި އޮއްވާ މަރުވި 83 އަހަރުގެ ބަލިމީހެއްގެ ޑެބިޓް ކާޑު ވަގަށް ނަގައި، އެ ކާޑުން ވިޔަފާރިކުރި ހެލްތުކެއާ އެސިސްޓެންޓަކު ހައްޔަރުކޮށް، އޭނާގެ މައްޗަށް ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 23 އަހަރުގެ އައިޝާ ބަޝާރަތު ނަމަކަށް ކިޔާ މުވައްޒަފެކެވެ.
ފުލުހުން ބުނީ އައިޝާ މި ކާޑު ބޭނުންކޮށްފައިވަނީ ބަލިމީހާ މަރުވިތާ އެންމެ 17 މިނެޓު ތެރޭގައި ކަމަށެވެ. އަދި އޭނާ ވަނީ ހޮސްޕިޓަލުގައި ހުރި ވެންޑިން މެޝިނަކުން ކާބޯތަކެތި ގަންނަން މި ކާޑު ބޭނުންކޮށްފައެވެ. އޭގެ ފަހުން، މަރުވި މީހާގެ އާއިލާއިން ކާޑު ބްލޮކްކޮށްފައި ވަނިކޮށް، ދެވަނަ ފަހަރަށްވެސް އޭނާ ވަނީ އެ ކާޑު ބޭނުންކުރަން މަސައްކަތްކޮށްފައެވެ.
މި މައްސަލައިގައި އައިޝާ ވަނީ ވައްކަމާއި މަކަރާއި ހީލަތުގެ ކުށަށް ކޯޓުގައި އިއުތިރާފުވެފައެވެ. ކޯޓުން ވަނީ އޭނާގެ މައްޗަށް ފަސް މަސް ދުވަހުގެ ދެ ޖަލު ހުކުމް އިއްވައި، އެ ހުކުމް ސަސްޕެންޑްކޮށްފައެވެ. މި ހާދިސާއާ ގުޅިގެން ހޮސްޕިޓަލުން ވަނީ އޭނާ ވަޒީފާއިން ސަސްޕެންޑްކޮށް، އިތުރު ފިޔަވަޅުތައް އަޅަން ފަށާފައެވެ.
