މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ވިޔަފާރިވެރިންނާއެކު ރާއްޖޭގެ ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާއްސަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމަކީ މަޝްރޫއުގެ އެންމެ މުހިންމު އެއް ހިއްސާދާރުން ކަމަށްވާ ވިޔަފާރިވެރިންނަށް އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މީރުމާގައި ބޭއްވި މި ބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯ ކެޕްޓަން ހުސައިން ޝަފީގުގެ އިތުރުން އެ ކުންފުނީގެ އިސް މެނޭޖްމަންޓުގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ވިޔަފާރިވެރިންގެ މަންދޫބުން ވެސް މި ބައްދަލުވުމުގައި ބައިވެރިވެ، ތިލަފުށީގެ އޮޕަރޭޝަންތައް ވީހާވެސް ފަސޭހަކޮށް ކުރިއަށް ގެންދެވޭނެ ގޮތްތަކާ މެދު ހިޔާލު ބަދަލުކުރެއްވިއެވެ.

އެމްޕީއެލުން ބުނީ މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން ސިލްސިލާކޮށް ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރަމުންދާ ކަމަށެވެ. އެގޮތުން ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި ސަރުކާރު ކުންފުނިތަކުގެ އިތުރުން މީޑިއާއާއި މަޖޫރީންނާ ވެސް މިހާތަނަށް މަޝްވަރާކޮށްފައިވާ އިރު، ކުރިއަށް އޮތް ތަނުގައި އިތުރު ސްޓޭކްހޯލްޑަރުންނާ ބައްދަލުކުރުމަށް ވަނީ ރޭވިފައެވެ.

ތިލަފުށީގައި ތަރައްގީކުރާ ބަނދަރަކީ މާލޭ ބަނދަރަށްވުރެ 12 ގުނަ ބޮޑު ސަރަހައްދެކެވެ. މި މަޝްރޫއަކީ މާލޭ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށާއި، މާލޭގެ މަގުތަކުގެ ޓްރެފިކް ތޮއްޖެހުމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުގެ މުހިންމު އިގްތިސާދީ ވައުދުފުޅެކެވެ. ސަރުކާރުގެ އަމާޒަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު 24 ގަޑިއިރު ހިދުމަތް ދެވޭނެ މަލްޓި-ޕާޕަސް ބަނދަރެއް ގާއިމުކުރުމެވެ. މި ބަނދަރު އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި ހުޅުވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.