މަޝްހޫރު ޔޫޓިއުބަރު އަދި ސްޓްރީމަރު އައިޝޯސްޕީޑްގެ ޗެނަލަށް 60 މިލިއަން ސަބްސްކްރައިބަރުން ހަމަވުން ފާހަގަކުރުމުގެ ތެރެއިން ހިންގި ނުރައްކާތެރި ސްޓަންޓެއްގައި އޭނާއަށް އަނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ސޯޝަލް މީޑިއާގައި ކުރިއަށްގެންދިޔަ ލައިވްސްޓްރީމެއްގެ ތެރެއިންނެވެ.
އައިޝޯސްޕީޑް މި ސްޓަންޓް ހަދާފައިވަނީ ބެލޫންތަކެއް ބޭނުންކޮށްގެން ވައިގެ ތެރެއަށް އަރައިގެންނެވެ. ނަމަވެސް ވައިގެ ތެރޭގައި އުޅެނިކޮށް ކޮންޓްރޯލް ގެއްލި، އޭނާ ވަނީ ވަރަށް ނުރައްކާތެރިކޮށް ބިމަށް ވެއްޓިފައެވެ. މި މަންޒަރު ލައިވްކޮށް ފެނުމާއެކު، އޭނާގެ ސަޕޯޓަރުންނާއި ފޭނުން ވަނީ އޭނާގެ ހާލާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ނަމަވެސް، މި ހާދިސާއަށްފަހު އައިޝޯސްޕީޑް ވަނީ އޭނާގެ ހާލު ރަނގަޅުކަން ހާމަކޮށް ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ހިއްސާކޮށްފައެވެ. އޭނާ ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ނިއްކުރިއަށް ކުޑަކޮށް ފެޅި، އިނގިއްޔަކުން ލޭ އައިސްފައިވީ ނަމަވެސް، ބޮޑު އަނިޔާއެއް ނުލިބެއެވެ. އަދި 60 މިލިއަން ސަބްސްކްރައިބަރުން ހޯދައިދިނުމުގައި އެހީތެރިވި އެންމެހައި ފޭނުންނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.
