ޗުއްޓީ ހޭދަކޮށްލުމަށް މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހު ތައިލެންޑުގެ ބެންކޮކަށް ދިޔަ އިންޑިއާގެ ތިން ފަތުރުވެރިއަކު ރަހީނުކޮށް، ގޯނާކޮށް އަދި ބޮޑު އަދަދަކުން ފައިސާ ހޯދަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ. މި ތިން މީހުން ރަހީނުކޮށްގެން ގެންގުޅުނީ ތައިލެންޑުގެ ޕަޓާޔާގައެވެ. އަދި އެމީހުން ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުން 70 ލައްކަ އިންޑިއަން ރުޕީސް ދިނުމަށް ރަހީނުކުރި ފަރާތްތަކުން ވަނީ އަންގާފައެވެ.
މި ހާދިސާ ހިނގިތާ ހަފްތާއެއްހާ ދުވަސް ފަހުން ތައިލެންޑުގެ ފުލުހުން ވަނީ ޚާއްޞަ އޮޕަރޭޝަނެއް ހިންގައި، ރަހީނުކޮށްފައި ތިބި ތިން ފަތުރުވެރިން ސަލާމަތްކޮށްފައެވެ. ނަމަވެސް، މި ޖިނާއީ ޢަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ އެހެން ބަޔެކެވެ. މިއީ އަމިއްލަ ގައުމުގެ ރައްޔިތުން އިސްވެ ތިބެ އެ ގައުމުގެ އެހެން ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގި ނުރައްކާތެރި ޖަރީމާއެކެވެ.
މި ހާދިސާއާއެކު ތައިލެންޑަށް ދަތުރުކުރާ އިންޑިއާގެ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ. ތައިލެންޑަކީ އިންޑިއާ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލަކަށް ވީނަމަވެސް، ފަހަކަށް އައިސް ފޭކް ޖޮބް ސުކޭމްތަކާއި، މީހުން ޓްރެފިކް ކުރުމާއި، ސައިބަރ ކްރައިމް ފަދަ ކަންކަމުގައި އިންޑިއާ މީހުން ބައިވެރިވެގެން އެހެން އިންޑިއާ މީހުންނަށް އަމާޒުކޮށް ހިންގާ ޖަރީމާތައް ވަނީ އިތުރުވާން ފަށާފައެވެ.
