ޣައްޒާގެ އަލް އަޤްޞާ ހޮސްޕިޓަލް ކައިރީގައި ހުރި މެޑިކަލް ގުދަނަކަށް އިސްރާއީލުން ދިން ހަމަލާއަކާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔޭސުސް ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. ހަމަލާތައް ހުއްޓާލުމުގެ ވާހަކަތައް ދެކެވުނު ކަމުގައިވީ ނަމަވެސް، ޣައްޒާގައި ނާމާންކަން ދެމިއޮތް ކަމަށާއި، ރައްޔިތުން ދަނީ ގެދޮރުގެއްލުމާއި، ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމު ހަލާކުވުމާއި، ކާނާއަށް ޖެހުމާއި، ބަލިމަޑުކަމާއި ސިއްހީ ފަރުވާ ނުލިބުމުގެ ބޮޑެތި ތަކުލީފުތަކެއް އުފުލަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިއަދާ ހަމައަށް ޣައްޒާގެ ސިއްހީ ޚިދުމަތްދޭ ތަންތަނަށް އިސްރާއީލުން 1،000 އަށްވުރެ ގިނަ ހަމަލާދީފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ރެކޯޑުކޮށްފައިވެއެވެ. މި ހަމަލާތަކުގައި ސިއްހީ ދާއިރާގެ 1،000 އަށްވުރެ ގިނަ މީހުން މަރުވެ، 1،700 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ސިއްހީ ޚިދުމަތްދޭ ތަންތަނަކީ ދުވަހަކުވެސް ހަމަލާދީ، ސިފައިންގެ އަސްކަރީ ބޭނުންތަކަށް ބޭނުންކުރެވިގެންވާނެ ތަންތަން ނޫންކަމަށް ވިދާޅުވެ، އެފަދަ ތަންތަން ރައްކާތެރިކުރުމަށް ދަނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ވަނީ ގޮވާލައްވާފައެވެ.

މި މުއްދަތުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގައި 73،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެ، 174،000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކަށް އަމާޒުކޮށް ދެވޭ ހަމަލާތަކުގެ ސަބަބުން، ޒަޚަމްވާ މީހުންނަށް އަވަސް ފަރުވާ ދިނުމަށް ވަނީ އިތުރު ހުރަސްތަކެއް ކުރިމަތިވެފައެވެ.