އިންޑިއާގެ މަޝްހޫރު ނިރްމާ ދޮންނަކުނޑި ޕެކެޓުތަކުން ފެންނަ ހުދު ހެދުމުގައިވާ ކުޑަކުއްޖާގެ ފޮޓޯއަކީ އިޝްތިހާރު ކުރާ އޭޖެންސީއަކުން އުފެއްދި ފޮޓޯއެއް ނޫނެވެ. އެއީ އެ ކުންފުނީގެ ބާނީ ކަރްސަންބާއީބަޓޭލްގެ ދަރިފުޅު ނިރުޕަމާގެ ފޮޓޯއެކެވެ. 1970 ގެ އަހަރުތަކުގެ ތެރޭގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިރުޕަމާ ވަރަށް ކުޑައިރު މަރުވުމުން، އޭނާގެ ހަނދާންތައް ނެތިގެން ދިޔަނުދިނުމަށްޓަކައި ބައްޕަ ވަނީ ދަރިފުޅުގެ ނަމުން ނިރްމާގެ ނަމުގައި ދޮންނަކުނޑި އުފައްދައި، ކޮންމެ ޕެކެޓެއްގައި ދަރިފުޅުގެ ފޮޓޯ ހިމަނާފައެވެ.

އެ ދުވަސްވަރު އިންޑިއާގެ ދޮންނަކުނޑި މާކެޓު ކޮންޓްރޯލް ކުރަމުންދިޔައީ ގިނަ އާއިލާތަކަށް ނުގަނެވޭހާ އަގުބޮޑު ބްރޭންޑުތަކުންނެވެ. ކެމިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ކަރްސަންބާއީ ވަނީ ގޭގައި ދޮންނަކުނޑި އުފައްދައި، ބައިސިކަލުގައި ގޭގެއަށް ގޮސް ވަރަށް ހެޔޮ އަގެއްގައި ވިއްކަން ފަށާފައެވެ.

ބައްޕައެއްގެ ލޯބިން ފެށުނު މި މަސައްކަތް ކުރު މުއްދަތެއްގެ ތެރޭގައި ވެގެންދިޔައީ އިންޑިއާގެ އެންމެ ބޮޑު އެއް ބްރޭންޑަށެވެ. ދުނިޔޭގެ ބޮޑެތި ކުންފުނިތަކާ ވާދަކޮށް، ނިރްމާ ވަނީ އިންޑިއާގެ ކޮންމެ ގެއެއްގައިވެސް ބޭނުންކުރާ މަޝްހޫރު ނަމަކަށްވެ، އެ ގައުމުގެ ވިޔަފާރީގެ މާހައުލު އެކީގައި ބަދަލުކޮށްލާފައެވެ.