ބޮލީވުޑް އެކްޓަރު ސަންޖޭ ދަތު، ގޯއާގައި އާ ލަގްޒަރީ ހޮޓަލެއް ހުޅުވައި، ހޮސްޕިޓަލިޓީ ވިޔަފާރީގެ ތެރެއަށް ވަދެއްޖެއެވެ.

"ދަ އެވްރެން" ގެ ނަމުގައި ވަގޭޓާގައި ހުޅުވާ މި ހޮޓަލަކީ ޔޫރަޕުގެ ފަރުމާތަކާއި ގޯއާގެ ސަގާފީ ރީތިކަން އެއްކޮށްލައިގެން ތައްޔާރުކޮށްފައިވާ ހާއްސަ ތަނެކެވެ. މިއީ ސަންޖޭ ދަތު ހޮޓެލް ވިޔަފާރީގެ ތެރެއަށް ވަން ފުރަތަމަ ފަހަރެވެ.

މި ހޮޓަލުގައި ހިތްގައިމު ކޮޓަރިތަކާއި، ފެންވަރު ރަނގަޅު ކެއިންބުއިމުގެ ހިދުމަތްތަކުގެ އިތުރުން ފަތާފެންގަނޑަކާއި އެކި ކަހަލަ ހަރަކާތްތައް ހިންގޭނެ ޖާގަތައް ހިމެނެއެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި މުނިފޫހިފިލުވުމުގެ ހާއްސަ ހަރަކާތްތައްވެސް މި ހޮޓަލުގައި ކުރިއަށްދާނެއެވެ. މި ތަނަކީ އެހެން ހޮޓާތަކާ ތަފާތުކޮށް ސާދާ އަދި އަރާމު މާހައުލެއް ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ތަނެކެވެ.

ރަސްމީކޮށް ހުޅުވުމުގެ ކުރިންވެސް "ދަ އެވްރެން" އަށް ވަނީ އާންމުންގެ ބޮޑު ސަމާލުކަމެއް ލިބިފައެވެ. ސަންޖޭ ދަތު މި ހޮޓެލް ގާއިމުކުރީ ހޮސްޕިޓަލިޓީ ދާއިރާގެ ފާހަގަކޮށްލެވޭ ކުންފުނިތަކާ ގުޅިގެންނެވެ. މި ހޮޓަލާއެކު ގޯއާގެ ޓޫރިޒަމަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.