މިއަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫއަށް ސާފު ފައިދާގެ ގޮތުގައި 97.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
އުރީދޫއިން އާންމުކޮށްފައިވާ އެ ކުންފުނީގެ ދެވަނަ ކުއާޓަރގެ މާލީ ހިސާބުތައް ދައްކާގޮތުން އެ ކުންފުންޏަށް ދެވަނަ ކުއާޓަރގައި ސާފު ފައިދާގެ ގޮތުގައި 97.6 މިލިއަން ރުފިޔާ ލިބިފައިވަނީ ޖުމްލަ ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބުނު 115 މިލިއަން ރުފިޔާއިން ޓެކްސްގެ އަދަދު ކެނޑުމަށް ފަހުގައެވެ.
ދެވަނަ ކުއާޓަރގެ މާލީ ހިސާބު ތަކުން ދައްކާ ގޮތުގައި އުރީދޫއަށް ދެވަނަ ކުއާޓަރ ގައި އާމްދަނީގެ ގޮތުގައި 423 މިލިއަން ރުފިޔާވަނީ ލިބިފައެވެ. އެއީ މިއަހަރުގެ ފުރަތަމަ ކުއާޓަރ އާ ބަލާނަމަ 5.3 އިންސައްތައިގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރ އާ ބަލާނަމަ އެއީ 3.3 އިންސައްތައިގެ ކުރިއެރުމެކެވެ. ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މޯބައިލްގެ ހިދުމަތް ތަކުން 320 މިލިއަން ރުފިޔާއެެވެ.
އުރީދޫއިން ބުނީ، ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދެވަނަ ކުއާޓަރުގެ އާމްދަނީ ދަށަށް ގޮސްފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ރޯމިން ހިދުމަތްތަކުން ލިބުނު އާމްދަނީ ހީނަރުވުމުން ކަމަށެވެ.
