މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 195 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
ދިރާގުގެ މި އަހަރުގެ ދެވަނަ ކުއާޓަރގައި ފައިދާ ފުރަތަމަ ކުއާޓަރއާ އަޅާބަލާއިރު 11 ޕަސެންޓް ދަށްވީ ނަމަވެސް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު އެ ކުންފުނީގެ ފައިދާ މިވަނީ 51 ޕަސެންޓް އިތުރުވެފައެވެ.
ދިރާގުން އާންމުކޮށްފައިވާ އެ ކުންފުނީގެ ދެވަނަ ކުއާޓަރގެ މާލީ ހިސާބު ތަށް ދައްކާގޮތުން އެ ކުންފުންޏަށް ދެވަނަ ކުއާޓަރގައި ޓެކްސްއަށް ކެނޑުމުގެ ކުރިން ޖުމްލަ ފައިދާގެ ގޮތުގައި 230.6 މިލިއަން ރުފިޔާވަނީ ލިބިފައެވެ. އަދި އެ މުއްދަތުގައި ކުންފުނީގެ ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 617 މިލިއަން ރުފިޔާއެވެ.
ދިރާގުގެ ދެވަނަ ކުއާޓަރގެ އާމްދަނީ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ހަ ޕަސެންޓް ދަށަށް ދިޔަނަމަވެސް، މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރގައި އެ ކުންފުންޏަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު މިއީ 13 ޕަސެންޓް އިތުރުވުމެކެވެ.
