ޑާކް ރެއިން އެންޓަޓެއިންމަންޓުން އެންމެ ފަހުން ނެރުނު ފިލްމު "ޖަންނަތު" އަކީ އާންމުކޮށް ރާއްޖޭގެ ސިނަމާތަކުން ފެންނަ ލޯބީގެ ފިލްމުތަކާ ވަރަށް ތަފާތު، އަސަރުގަދަ އުފެއްދުމެކެވެ. އޮލިމްޕަސް ސިނަމާގައި މި ފިލްމު ދައްކަމުންދާއިރު، ފިލްމު ބެލި ގިނަ މީހުންގެ ލޯތައް ވަނީ ކަރުނުން ފޯކޮށްލާފައެވެ.
މި ފިލްމުގައި ހަރަކާތްތެރިވާ ފަންނާނުންގެ އެކްޓިންއަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. ހާއްސަކޮށް ފިލްމުގެ މައިގަނޑު ރޯލުތަކުން ފެންނަ ޝަރަފް އަބްދުﷲ އާއި ޖަންނަތުގެ ރޯލުން ފެންނަ މާހްރީން މުހައްމަދު އަލީ (މަފިން) ގެ މޮޅު އެކްޓިންއަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ. މީގެއިތުރުން ޝުހާ، އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)، އާއިދާ، އަފްރާހް އަދި އަންޖީ ވެސް މި ފިލްމުން ފެނިގެންދެއެވެ.
ކާމިޔާބު ގިނަ ފިލްމުތަކެއް އުފައްދާފައިވާ އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ އައިޝަތު ފުއާދު ތައުފީގާއި އަހުމަދު ތޮލާލް އެވެ. އަދި ފިލްމުގެ ކެމެރާގެ މަސައްކަތްތައް ކޮށްފައިވަނީ ކާމިޔާބު ފިލްމު "ބިބީ" ގެ ވެސް ސިނަމެޓޯގްރަފީ ހެދި އަހުމަދު ޒިފާފު އެވެ.
"ޖަންނަތު" އަކީ ކުޑަކުދިންނަށް ވެސް ބެލޭނެ ފަދަ ޕީޖީ ރޭޓިންގްގެ އާއިލީ ފިލްމެކެވެ. އަސަރުގަދަ މައުލޫތަކެއްގެ މައްޗަށް ބިނާވެފައިވީ ނަމަވެސް، މިއީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް އެކުގައި ބަލާލެވޭނެ ފުރިހަމަ އުފެއްދުމެކެވެ. ފިލްމުގެ ޕްރޮމޯޝަނަލް ޓްރެއިލާތަކަށް ބޮޑު ސަމާލުކަމެއް ލިބިފައިވާއިރު، ޓިކެޓުތަކަށްވެސް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.
އޮލިމްޕަސް ސިނަމާގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށާއި ރިސޯޓުތަކުގައި "އައިލެންޑް ސިނަމާ" މެދުވެރިކޮށް މި ފިލްމު އަޅުވައިދިނުމުގެ ފުރުސަތު ޕްރޮޑަކްޝަން ހައުސް އިން ވަނީ ހުޅުވާލާފައެވެ.
