ރާއްޖޭގައި ހިމަބިހި ފެތުރޭ މިންވަރު މަދުވާން ފަށައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ނިމިދިޔަ ހަފުތާގައި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ 13 މީހެކެވެ.

މާލެ ސަރަހައްދުން ހިމަބިހީގެ ފުރަތަމަ ކޭސް ފެނިފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. ރާއްޖެއިން ނައްތާލެވިފައިވާ ބައްޔަކަށްވާތީ، ފުރަތަމަ ކޭސް ފެނުމާއެކުވެސް އެޗްޕީއޭއިން އަމަލުކޮށްފައިވަނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއެއްގޮތަށެވެ. އެގޮތުން ބަލި މޮނީޓަރުކުރުމާއި، ބަލިޖެހިފައިވާ މީހުން ހޯދުމުގެ އިތުރުން ވެކްސިން ދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މެއި އަދި ޖޫން މަހު ބަލިޖެހޭ މީހުންގެ އަދަދު އިތުރުވިނަމަވެސް، ޖުލައި މަހުގެ މެދެހާހިސާބުން ފެށިގެން ބަލިޖެހޭ މީހުންގެ އަދަދު ވަނީ މަދުވާން ފަށާފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ނިމިދިޔަ ހަފުތާގައި މާލެ ސަރަހައްދުން ބަލިޖެހުނީ 13 މީހުންނަށެވެ. މިއާއެކު މިއަހަރު ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 199 އަށް އަރާފައެވެ. މި ބައްޔާއި ދެކޮޅަށް އެޗްޕީއޭއިން ވެކްސިން ދެމުންދާއިރު، މިހާތަނަށް 12،971 މީހަކަށް ވަނީ ވެކްސިން ދީފައެވެ.

ހިމަބިއްސަކީ ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެއްކަމުން، އާންމު ސާފުތާހިރުކަމަށް އިސްކަންދިނުމަށާއި، ހުމާއި ރޯގާގެ އަލާމާތްތައް ހުރެޖެހިއްޖެނަމަ އެކަހެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި ހުމާއި ރޯގާގެ އަލާމާތްތަކާއެކު ގައިގައި ރަތްކުލައިގެ ހިމަ ބިހިތަކެއް ނަގާނަމަ، ވީހާވެސް އަވަހަށް ސިއްހީ ފަރުވާ ހޯދުމަކީ މުހިންމުކަމެކެވެ. ސިއްހީ ފަރުވާ ހޯދަން ދާއިރު މާސްކު ބޭނުންކުރުމަށްވެސް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

ޗުއްޓީއަށްފަހު އެނބުރި ރަށަށް ދާއިރު، ހުމާއި ރޯގާގެ އަލާމާތެއް ހުރިނަމަ މީހުންގެ ތެރެއަށް ނުނިކުތުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. މީގެއިތުރުން ސްކޫލް ކުދިންގެ ކިބައިން ހުމާއި ރޯގާގެ އަލާމާތްތައް ފެންނަނަމަ، ސްކޫލަށް ނުފޮނުވުމަކީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި އެންމެންގެ ރައްކާތެރިކަމަށް ކުރަންޖެހޭ މުހިންމު ކަމެކެވެ.