ދިރާސާތަކުގެ މައްޗަށް ބިނާވެފައިވާ މުޖުތަމައެއް ބިނާކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން، ސައިންޓިފިކް ހޯދުންތަކާއި އީޖާދީ ވިސްނުންތަކުގެ އަލީގައި ސިޔާސަތުތައް އެކުލަވައިލުމަށް މަގުފަހިވެގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން ކޮންމެ ދެ އަހަރުން އެއްއަހަރު ބާއްވާ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމްގެ 6 ވަނަ ސިމްޕޯސިއަމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ރައީސްގެ ސިޔާސަތުތަކުގެ ސަބަބުން ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ. އަދި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ސައިންޓިފިކް ހޯދުންތަކުގެ އެހީގައި، ރާއްޖެއަށް ހައްގުވާ ފުރިހަމަ އިގްތިސާދީ ތަނަވަސްކަން ހޯދައިދިނުމަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން މި ސިމްޕޯޒިއަމްގައި ހުށަހެޅޭ އިލްމީ މަސައްކަތްތަކަކީ އަގުހުރި މަސައްކަތްތަކެއް ކަމަށާއި، ބަދަލުކުރެވޭ މައުލޫމާތުތަކަކީ ރާއްޖޭގެ ކަނޑުފަޅުގެ ވަސީލަތްތައް ބެލެހެއްޓުމަށް އެކުލަވައިލާ ސިޔާސަތުތަކުގައި މުހިންމު ދައުރެއް އަދާކުރާނެ ކަންކަން ކަމުގައި ވިދާޅުވި އެވެ.
ރާއްޖެ ފަދަ ކުދި ޖަޒީރާ، ބޮޑު ކަނޑެއް އޮތް ގައުމަކަށް، ކަނޑުގެ ދިރުންތަކާ ބެހޭ މައުލޫމާތު މުއްސަނދިކުރުމާ އެއްވަރަށް، ރާއްޖޭގެ ސައިންޓިފިކް ދާއިރާގެ ގާބިލުކަން އިތުރުކުރުމަކީވެސް ނުހަނު ބޭނުންތެރި ކަމެއް ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ. އަދި އުންމީދަކީ އިންޓަނޭޝަނަލް މާހިރުންނާއި މުއައްސަސާތަކާ ގުޅިގެން، ކަނޑުގެ ދިރާސާތަކަކީ ދިވެހިންގެ އަމިއްލަ ބާރުވެރިކަން އޮތް މަސައްކަތްތަކަކަށް ހެދުންކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އިންޓަނޭޝަނަލް ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަކީ ހަމައެކަނި އިލްމު އުނގެނުމަށް އޮތް ފުރުސަތެއް ނޫން ކަމަށެވެ. އެއީ ރާއްޖޭގެ އަންނަން އޮތް ޖީލުގެ ސައިންސްވެރިންނާއި، ދިރާސާވެރިން އަދި ކަނޑުފަޅުގެ ކަންކަމުގައި އިސްނަގާނެ ލީޑަރުން ބިނާކުރުމަށް ލިބޭ މުހިންމު ބާރެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މިއަދު ރާއްޖޭގެ ސައިންޓިފިކް ދާއިރާގެ ހުނަރުވެރިން ބިނާކުރުމަށް ކުރާ އިންވެސްޓްމަންޓަކީ، މާދަމާ ރާއްޖޭގެ އެންމެ ބޮޑު ގުދުރަތީ ރަހުމަތް ކަމުގައިވާ ކަނޑުފަޅުގެ މާހައުލު ރައްކާތެރިކުރުމަށް އަންނަން އޮތް ޖީލުތައް ތައްޔާރުކުރުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
