ބީއެމްއެލްގެ އިންވެސްޓްމަންޓް ޕޫލްތަކުގައި ޑޮލަރުން އިންވެސްޓްކުރުމުން ފައިދާ ލިބޭ ގޮތަށް ކުރިން ތައާރަފްކުރި ސްކީމުގެ ދަށުން، އިންވެސްޓްކުރާ އަދަދާއި އޭގެ ފައިދާވެސް ޑޮލަރުން ދޭ ގޮތަށް އެ ބޭންކުން މިއަދު ބަދަލުކޮށްފިއެވެ.
ޑޮލަރު ލިބުމުގެ ދަތިތަކަށް ހައްލެއް ހޯދުމަށް ބޭންކަށް ޑޮލަރު އިންވެސްޓްކޮށްގެން ފައިދާ ހޯދުމުގެ ފުރުސަތު ބީއެމްއެލްއިން ހުޅުވާލީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. މި ސްކީމުގެ ދަށުން ބޭންކަށް އިންވެސްޓްކުރާ ފަރާތްތަކުން ޑޮލަރުން އިންވެސްޓްކުރާ އަދަދަށް ހަމަ އެ ވަގުތު ދިވެހި ރުފިޔާ ލިބެއެވެ. އަދި ޖެހިގެން އަންނަ ދުވަހު އެ ޑޮލަރު ބޭންކުން އެކި ކަންކަމަށް ހަރަދުކޮށްގެން ލިބޭ ފައިދާއިން 25 ޕަސަންޓު ޑޮލަރު އިންވެސްޓްކުރި މީހާއަށް ދެއެވެ.
ބީއެމްއެލްއިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ފޮރެކްސް އިންވެސްޓްމަންޓުގެ އަދަދާއި އޭގެ ފައިދާވެސް ޑޮލަރުން ދޭން މިހާރު ނިންމާފައިވާ ކަމަށެވެ.
"ފޮރެކްސް އިންވެސްޓްމަންޓްގެ ހިދުމަތް މިހާރު ވަނީ ކުރިއަށް ވުރެ ބޮޑަށް ހަރުދަނާކޮށް އިތުރަށް ފުރިހަމަކުރެވިފައެވެ. މި އިންވެސްޓްމަންޓުން ލިބޭ ނަފާ އާއި އިންވެސްޓްކުރި އަދަދު ޖަމާވާނީ ޑޮލަރުންނެވެ،" ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްއިން އިތުރަށް ބުނީ، އިންވެސްޓްމަންޓުގެ މުއްދަތު ހަމަވުމުން، އިންވެސްޓްކުރި އަދަދު ރަސްމީ އެކްސްޗޭންޖު ރޭޓުގައި ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭނެ ކަމަށެވެ.
