ކޮރަޕްޝަންގެ ފައިސާ ނެގި މައްސަލަ އާއި ގުޅިގެން ރަޝިޔާގެ ފުލުހުންގެ ކާނަލް އެލްކްސާ ސެފޮނޮވް ހައްޔަރުކޮށްފިއެވެ.
ރިޕޯޓުތައް ބުނާގޮތުން ސެފޮނޮވްގެ ގޭގައި ހުރީ މިލިއަނަރުންގެ ގެތަކުން ފެންނަ މަތީ ފެންވަރުގެ ފަރުނީޗަރާއި ފަރުމާތަކެވެ. މި ގޭގައި ބިލް ބޯޑް ހޯލަކާއި ރަން ފާހަނާ އެއްވެސް ހިމެނޭ އިރު ސެފޮނޮވްގެ މައްސަލަ ބަލަމުން ދަނީ ރަޝިޔާގެ އިންވެސްޓިގޭޓިވް ކޮމިޓީ އިންނެވެ.
ކްރިމިނަލް ގޭންގެއްގެ ބޮޑެއް ކަމަށް ބެލެވޭ ސެފޮނޮވް ހައްޔަރުކުރީ ކާގޯ ދަތުރުތައް ކުރުމުގެ ތެރެއިން ކޮރަޕްޝަންގެ އަމަލު ހިންގައި ކޮރަޕްޝަންގެ ފައިސާ ހޯދި ކަމުގެ ތުހުމަތުގައެވެ.
އޭނާ ވަނީ މަގާމުގެ ބޭނުންކޮށް ރަޝިޔާގެ ގާނޫނުތަކާއި ހިލާފަށް ފުލުހުންގެ ޗެކް ޕޮއިންޓުތަކުން ރިޝްވަތުދޭ ފަރާތްތައް ފާސްނުކޮށް ދޫކޮށްލާފައެވެ.
ޔޫއެސްގެ އެފްބީއައިއާ އެއް ފެންވަރެއްގެ ރަޝިޔާގެ އިންވެސްޓިގޭޓިން ކޮމިޓީ އިން ބުނީ ކޮރަޕްޝަންގެ ފައިސާ އަތުލި މީހުން ވަނީ ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދައިފައެވެ.
ކޮރަޕްޝަންގެ މި މައްސަލައިގައި ސެފޮނޮވްގެ އިތުރުން އިތުރު ހަ މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ކުރީގެ ސީނިއާ ޓްރެފިކް އޮފިސަރުންނާއި ޓްރެފިކް އިންސްޕެކްޓަރަކާއި އާންމު ރައްޔިތުންނެވެ.
