އެމްޕީއެލް އިން ކުރިއަށްގެންދާ ސީ-ޓޫ-އެއާ ކާގޯ ޓްރާންސްޝިޕްމަންޓް ހިދުމަތުގެ ދަށުން ނިމިދިޔަ ޖުލައި މަހު 633 ޓަނަށް ވުރެ ގިނަ މުދާ ރާއްޖެ މަގުން އެކި ގައުމުތަކަށް އުފުލައިފިއެވެ.

އެމްޕީއެލް އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއީ މި ހިދުމަތަށް ލިބެމުންދާ ބޮޑު ތަރުހީބެއްކަން ހާމަވެއެވެ.

އެމްޕީއެލް އިން ބުނީ ޖުލައި މަހުގެ ތެރޭގައި ސީ-ޓޫ-އެއާ ކާގޯގެ ގޮތުގައި ޖުމްލަ 131 ޓީއީޔޫގެ މުދާ ހޭންޑްލްކޮށްފައިވާ ކަމަށެވެ. މި މުދާ އެކި ގައުމުތަކަށް އުފުލުމުގައި ދުނިޔޭގެ މަޝްހޫރު 6 އެއާލައިނަކުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި އެމިރޭޓްސް، އިއްތިހާދު، ގަތަރު އެއާވޭސް، ސައޫދިއާ، ސުވިސް އަދި ތުރުކީ އެއާލައިންސް ހިމެނެއެވެ.

ރާއްޖެ މަގުން ސީ-ޓޫ-އެއާ ކާގޯގެ ގޮތުގައި އުފުލި މުދާ ފޮނުވާފައިވަނީ ޔޫރަޕާއި އެމެރިކާގެ ގިނަ ގައުމުތަކަކަށެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތް، އެމެރިކާ، ޖަރުމަނުވިލާތް، ފްރާންސް، އިޓަލީ، ސްޕެއިން، ނެދަލޭންޑްސް، ސްވިޑަން، ޗެކް ރިޕަބްލިކް އަދި ތުރުކީ ހިމެނެއެވެ. ސީ-ޓޫ-އެއާ ހިދުމަތަކީ ކަނޑުމަގުން ރާއްޖެއަށް ގެންނަ މުދާ ވައިގެ މަގުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޮނުވައިދިނުމަށް އެމްޕީއެލް އިން ފަށާފައިވާ ހިދުމަތެކެވެ.