ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީން، އޭނާގެ ކޮއްކޮގެ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި އަގުބޮޑު ލަގްޒަރީ އެޕާޓްމެންޓެއް ހަދިޔާކޮށްފިއެވެ. ކައިޒީން އޭނާގެ ކޮއްކޮއަށް ގަނެދީފައިވަނީ ހުޅުމާލެ ފޭސް 2 އިން އެޕާޓްމެންޓެކެވެ.
މިކަން ހާމަކޮށް ކައިޒީން މިއަދު ވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވީޑިއޯއެއް ހިއްސާކޮށްފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ކައިޒީން އޭނާގެ ކޮއްކޮގެ އަތުގައި ހިފައިގެން އެޕާޓްމެންޓަށް ވަދެ، އެތަނުގެ ސޯފާގައި ތިބެގެން އެޕާޓްމެންޓާ ގުޅޭ ރަސްމީ އެގްރީމެންޓް ކޮއްކޮއާ ހަވާލުކުރެއެވެ.
ކައިޒީން އޭނާގެ ކޮއްކޮއަށް ހަދިޔާކުރި މި އެޕާޓްމެންޓަކީ ހުޅުމާލެ ފޭސް 2 ގާއި ތަރައްގީކޮށްފައިވާ "ބޭފެންސީ ރެސިޑެންސް" ގެ އެޕާޓްމެންޓެކެވެ. ނަމަވެސް، މިއީ ކިތައް ކޮޓަރީގެ އެޕާޓްމެންޓެއްކަމެއް ސާފެއް ނުވެއެވެ.
ކައިޒީން މީގެ ކުރިންވެސް ވަނީ އޭނާގެ ކޮއްކޮއަށް އަގުބޮޑު ކާރެއް ހަދިޔާކޮށްފައެވެ. ކޮއްކޮގެ އުފަންދުވަހާ ގުޅުވައިގެން ދިން މި އަގުބޮޑު ހަދިޔާއާއެކު ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ވަނީ މިކަމަށް ހުއްޓިފައެވެ.
