އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށު ކައުންސިލާ ހިއްސާކުރައްވައިފިއެވެ.

މި މައުލޫމާތުތައް ހިއްސާކުރެއްވީ އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގައި ބުދަ ދުވަހުގެ މެންދުރު ބޭއްވި ހާއްސަ ބައްދަލުކުރެއްވުމެއްގައެވެ. މި ބައްދަލުކުރެއްވުމުގައި އުކުޅަހު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އިތުރު ހައުސިން ޔުނިޓްތަކެއް ގާއިމުކުރުމަށާއި، ރަށުގެ ހިއްކި ބިމާ ގުޅުވައި އިތުރު ބައެއް ހިއްކައިދިނުމަށް ކައުންސިލުން އެދުނެވެ. އަދި ހިއްކާފައިވާ ސަރަހައްދަށް ފެނާއި ނަރުދަމާ އާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށާއި މަގުހަދައިދިނުމަށްވެސް އެދެފިއެވެ.

އޭގެ އިތުރުން ރަށުގެ އިންޖީނުގެ ބޮޑުކުރުމުގެ މަސައްކަތަށް ބޭނުންވާ ބިމެއް ހަމަޖެއްސުމުގައި ހުރި ދަތިތައް ކައުންސިލުން ހިއްސާކުރިއެވެ. އަދި ރަށުގެ ކުނި ބެލެހެއްޓުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރުމަށާއި، އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށްވެސް ކައުންސިލުން އެދިފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ކައުންސިލުން ފާހަގަކުރި ކަންކަން ބައްލަވާނެކަމަށް ވިދާޅުވެފައެވެ. އަދި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރުން މެދުވެރިކުރައްވައި، ރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.