މިސް ޔުނިވާސް ޖަމައިކާގެ ކުރީގެ ފައިނަލިސްޓު ލަޓޯޔާ މެލްކަމް އުމުރުން 35 އަހަރުގައި ކުއްލި ގޮތަކަށް މަރުވި މައްސަލައިގައި ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ. އޭނާ މަރުވި ސަބަބު ރަސްމީކޮށް ހާމަކޮށްފައި ނުވުމުން، ސޯޝަލް މީޑިއާއާއި ބިއުޓީ ކުއީން މުބާރާތްތަކުގެ ސަޕޯޓަރުންގެ މެދުގައި ބޮޑު ސޮކެއް ވަނީ ލިބިފައެވެ.

ޖަމައިކާގެ މަޝްހޫރު އެކްޓްރެސް އަދި މޮޑެލް ލަޓޯޔާ މެލްކަމް މަރުވިކަން އެ ގައުމުގެ މިސް ޔުނިވާސް އޯގަނައިޒޭޝަނުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އޭނާ މަރުވާން ދިމާވި ސަބަބެއް އެ އޯގަނައިޒޭޝަނުން ހާމައެއް ނުކުރެއެވެ. މިއާއެކު އޭނާގެ ސަޕޯޓަރުންނާއި އާއިލާއިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ލަޓޯޔާ މެލްކަމްއަކީ 2024 ވަނަ އަހަރުގެ މިސް ޔުނިވާސް ޖަމައިކާ މުބާރާތުގައި ވާދަކޮށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދި މޮޑެލެކެވެ. މުބާރާތުގެ އިތުރުން އޭނާއަކީ ޖަމައިކާގެ މަޝްހޫރު ޑްރާމާ ސީރީޒްތަކުން ފެނިގެންދިޔަ ހުނަރުވެރި ފަންނާނެކެވެ.

މިސް ޔުނިވާސް ޖަމައިކާ އޯގަނައިޒޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ލަޓޯޔާ މެލްކަމް މަރުވުމުން އެ އޯގަނައިޒޭޝަނަށް ބޮޑު ހިތާމައެއް ލިބިފައިވާ ކަމަށެވެ. އަދި އޭނާގެ އާއިލާއަށާއި ރައްޓެހިންނަށް ތައުޒިޔާ ފޮނުވާ ކަމަށްވެސް ބުންޏެވެ.

ލަޓޯޔާގެ މަރާ ގުޅިގެން ސުވާލުތައް އުފެދިފައިވާ ދަނޑިވަޅެއްގައި، ހޮންޑޫރާސްގެ 23 އަހަރުގެ ބިއުޓީ ކުއީން ވާލިސް ފުއެންޓެސް އެކީނޯވެސް ވަނީ އެޕާޓްމަންޓް ތެރޭގައި މަރުވެފައި އޮއްވައި ފެނިފައެވެ. މި ދެ މަރު ކައިރި ކައިރީގައި ހިނގުމުން ބިއުޓީ ކުއީން މުބާރާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ރައްކާތެރިކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ހޮންޑޫރާސްގެ ފުލުހުން ދަނީ ވާލިސް މަރުވި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި ލަޓޯޔާ މަރުވި ސަބަބު ހާމަނުކުރާތީ، އޭނާގެ މަރާ މެދުވެސް ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ދަނީ ދެކެވަމުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ދަނީ ލަޓޯޔާގެ ހަނދާންތައް އާކޮށް، ސޯޝަލް މީޑިއާގައި ހިތާމައިގެ މެސެޖުތައް ހިއްސާކުރަމުންނެވެ. އޭނާއަކީ ހުނަރުވެރި، އެހެން މީހުންނަށް އެހީތެރިވި ހިތްހެޔޮ ފަރާތެއްގެ ގޮތުގައި ސަޕޯޓަރުން ސިފަކުރެއެވެ.

މިފަދަ ހާދިސާތަކުގެ ސަބަބުން ބިއުޓީ ކުއީން މުބާރާތްތަކުގެ އެތެރޭގެ ކަންކަން ހުރިގޮތާމެދު އާންމުންގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. އަދި ބައިވެރިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އިތުރަށް ސަމާލުކަން ދޭންޖެހޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ލަޓޯޔާގެ މަރުގެ ތަހުގީގުތަކާއި މައުލޫމާތުތައް ކުރިއަށް އޮތް ދުވަސްތަކުގައި ސާފުވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ. އާއިލާއިން އެދެނީ މި ދަނޑިވަޅުގައި އޭނާގެ ހަނދާނަށް އިހުތިރާމް ކުރުމަށެވެ.

ލަޓޯޔާ މެލްކަމް މަރުވުމަކީ ޖަމައިކާގެ ފިލްމީ އަދި މޮޑެލިން ދާއިރާއަށް ލިބިގެންދިޔަ ފޫނުބެދޭވަރުގެ ބޮޑު ގެއްލުމެކެވެ. އޭނާގެ ހަނދާންތައް އެ ދާއިރާގައި އަބަދުވެސް ދެމިއޮންނާނެއެވެ.