ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ކުރިއަށްގެންދާނީ އެ ރަށެއްގެ ރައްޔިތުންނަށް އެންމެ މުހިންމު މަޝްރޫއުތައް ކަމަށާއި، އިގްތިސާދީ ދަތިތަކާއެކުވެސް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަރިއަތޮޅު އުތުރުބުރީ އުކުޅަހަށް ކުރެއްވި ޒިޔާރަތުގައި، ވެރިކަންކުރާ ޕާޓީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގައުމަށް ދިމާވެފައިވާ އިގްތިސާދީ ހާލަތު ހަމަޔަކަށް އަޅުވަން ކުރާ މަސައްކަތްތަކާއެކުވެސް، 2028 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަވާނެ ކަމަށެވެ. އަދި މިނިވަން ދުވަހުގެ ޖަލްސާގައި ވިދާޅުވި ގޮތަށް އެ މަސައްކަތްތައް ނިމެމުންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ހުރިހާ ރަށެއްގަވެސް އެރަށެއްގެ ރައްޔިތުންގެ އުންމީދުތަކާ ގުޅިފަވާ އަޅުގަނޑު ރިޔާސީ އިންތިހާބާ އަދި ފަހުންވެސް ރައްޔިތުންނާ އެކީގަ ބައްދަލުވި ފަހަރުތަކުގަވީ ވައުދުތަކުގެ ތެރޭގަ ހުރި އެންމެ މުހިންމު މަޝްރޫއުތައް އިރާދަކުރެއްވިއްޔާ ހަމަ މި ދައުރުގެ ތެރޭގަ އަޅުގަނޑުމެން ނިންމާފަ ކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ސިޔާސީ ވެރިން ހިފާ ހައްޔަރުނުކުރާނެ ކަމަށެވެ. އަދި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީ ގައުމަށް ހަމަޖެހުން ގެނައުން ކަމަށާއި، ކަންކަން ކުރިއަށްދާނީ ގައުމީ ވިސްނުމުގައި ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަނީ ގައުމު ހަލަބޮލިކުރަންކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ގައުމާމެދު އިދިކޮޅު ފަރާތްތަކުގެ އިހުލާސްތެރި ވިސްނުމެއް ނެތް ކަމަށެވެ. އަދި ގައުމީ ވިސްނުން ހުންނަ ނަމަ މަސައްކަތްކުރާނީ ޒިންމާދާރުކަމާއެކު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
