"އަހަރެން ދޫކޮށްލާފައި މަންމަ އާއި ބައްޕަ ދިޔައީ ކީއްވެ؟"
މިއީ 13 އަހަރުގެ ކުޑަ އަގްރާގެ ހިތުގައި އޮތް އެންމެ ހިތްދަތި ސުވާލެވެ. އޭނާ ހުރީ އިންޑޮނޭޝިއާގެ އިރުމަތީ އަވަށެއް ކަމަށްވާ 'ކަލިމަންތަން'ގެ ގަބުރުސްތާނުގައި ހުރި އޭނާގެ މަންމަ އަދި ބައްޕަގެ މަހާނަ ކައިރީގައެވެ. ކައިރީގައި ތިމާގެ މީހުންނާއި ހެޔޮ އެދޭ މީހުން ތިބިއިރު، އަގްރާގެ މޫނު ފޮރުވައި ބާރު ބާރަށް ރޮނީއެވެ. އޭނާގެ މަންމަ ވަޅުލައި ނިމުމުން ދުޢާ ކުރުމަށް ދެއަތް މައްޗަށް ނެގިއިރު އަގްރާގެ މުޅި ހަށިގަނޑު ތުރުތުރު އަޅައެވެ.
އަގްރާގެ މަންމަ އާއި ބައްޕަ ނިޔާވީ އިންޑޮނޭޝިއާގައި ދާދި ފަހުން އައި ކޮވިޑް-19ގެ ރާޅުގައެވެ. އޭނާ އޭރު ހުރީ އެ ގައުމުގެ އިސްލާމިކް ބޯޑިންގ ސްކޫލެއްގައި މާދުރުގައެވެ. ކިތަންމެ ދުރުގައި ހުއްޓަސް، އޭނާގެ މަންމަ އާއި ބައްޕަ އޭނާއަށް އަބަދުވެސް މީރު ކާއެއްޗެހި ތައްޔާރުކޮށް ޕާރުސަލްކޮށްފައި ފޮނުވަމުން ދިޔައެވެ. ނަމަވެސް ދާދި ފަހުން، ޕާރްސަލްތައް ނާންނަން ފެށުމުން އަގްރާވަނީ ކަންބޮޑުވެ މަންމަ އަށް ސިޓީއެއް ފޮނުވާފައެވެ.
"މަންމަ ބަލީތަ؟ ރަނގަޅުވީމަ އަހަންނަށް ގުޅައްޗޭ! އަވީގަ ޖެހިލެވޭތޯ ބަލާތި ކޮންމެވެސް، އޭރުން ރަނގަޅުވާނެ." އަގްރާގެ ސިޓީގައި ލިޔެފައިވެއެވެ. "އަހަންނާ ދޭތެރޭ މާބޮޑަށް ނުވިސްނާތި އިނގޭ. އަހަރެންގެ އަތުގައި 9ޑޮލަރު އެބައޮތް. އޭގެން ވާނެ." އަގްރާގެ މަންމަ މިދިޔަ ހޮނިހިރު ދުވަހު ނިޔާވިއިރު އަގްރާގެ އެ ސިޓީ އޮތީ ނުވެސް ކަނޑައެވެ. އޭނާގެ ބައްޕަ ވަނީ އޭގެ ދެ ދުވަސްކުރިން، ބުރާސްފަތި ދުވަހު މި ބަލީގައި ނިޔާވެފައެވެ. މިއަދު އަގްރާގެ އާއިލާގައި އޭނާ އާއި އެކު ދެން ހުރީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ. އަގްރާއަށް 4 އަހަރުވެފައިވާއިރު އޭނާގެ ބޭބެ އަށް އަދި އެންމެ 9 އަހަރެވެ.
މިއީ އިންޑޮނޭޝިއާގައި ޔަތީމު ވެފައިވާ އެތައް ކުދިންތަކެއްގެ ތެރެއިން އެއް ކުއްޖެއްގެ ވާހަކައެވެ. އިންޑޮނޭޝިއާގައި އުފެދިފައިވާ ކޮވިޑް-19 ޑެލްޓާ ވޭރިއަންޓްގެ ރާޅުގައި އެތައް ހާސް ކުދިންނެއް ޔަތީމުވެ ހާލުގައި ވަނީ ޖެހިފައެވެ.
