Lއިންސާނަކަށްވެ ހުރެ ކުށެއް ކުރެވުމަކީ އެކަމުގައި އޮތް ހައިރާންކަމެއް ނޫނެވެ. ނަމަވެސް، އެންމެ ހެޔޮލަފާ މީހަކީ ކުރެވޭ ކުށަށް އިއުތިރާފުވެ، އިޚްލާސްތެރިކަމާއެކު ﷲ ތައާލާގެ ހަޟްރަތަށް ތައުބާވާ މީހާއެވެ. ތައުބާވުމުގެ މާނައަކީ ހަމައެކަނި ފާފަކުރުން ހުއްޓާލައި، އެކަމާ ދެރަވުމެއް ނޫނެވެ. ތައުބާގެ ފުރިހަމަކަމާ ގުޅިފައިވަނީ، އެއަށްފަހު އެމީހާގެ ހަޔާތަށް އަންނަ ހެޔޮ ބަދަލާއި، ހެޔޮ އަމަލުތައް ކުރުމަށް އަވަސްވެގަންނަ މިންވަރެއްގެ މައްޗަށެވެ.

ފާފައެއް ކުރެވުމަށްފަހު، އެ ފާފައެއްގެ ހިތިކަން ފިލުވައިދީ، ހިތަށް އަލިކަން ގެނެސްދެނީ ތައުބާވުމަށްފަހު ކުރެވޭ ހެޔޮ އަމަލުތަކުންނެވެ. ތައުބާވުމަށްފަހު ހެޔޮ އަމަލުތައް ކުރުމުގައި ދެމިހުރުމަކީ، ތައުބާގެ އިޚްލާސްތެރިކަން ސާބިތުކޮށްދޭ އެންމެ ބޮޑު ހެކިވެސް މެއެވެ. ނަމާދުކުރުމާއި، ސަދަގާތްދިނުމާއި، އަދި މީހުންނަށް ހެޔޮފޯރުވުން ފަދަ ކަންކަމުގައި އަވަސްވެގަތުމަކީ، ނުބައި އަމަލުތަކުގެ އަސަރު ކުޑަކޮށްދީ، އީމާންކަން ވަރުގަދަކޮށްދޭނެ ކަމެކެވެ.

މިކަމަށް ބާރުއަޅުއްވައި ކީރިތި ގުރްއާނުގައި ﷲ ތައާލާ ވަނީ ތައުބާވުމާ ގުޅުވައިގެން ހެޔޮ އަމަލުކުރުމުގެ މުހިންމުކަން ބަޔާންކުރައްވާފައެވެ. ސޫރަތުލް ފުރްގާންގެ 70 ވަނަ އާޔަތުގައި ވަނީ މިފަދައިންނެވެ:

"إِلَّا مَن تَابَ وَآمَنَ وَعَمِلَ عَمَلًا صَالِحًا فَأُولَٰئِكَ يُبَدِّلُ اللَّهُ سَيِّئَاتِهِمْ حَسَنَاتٍ ۗ وَكَانَ اللَّهُ غَفُورًا رَّحِيمًا". މާނައީ: "ތައުބާވެ، އީމާންވެ، ހެޔޮއަމަލު ކޮށްފިމީހާ މެނުވީއެވެ. ފަހެ، އެއުރެންގެ ނުބައިކަންތައް، ހެޔޮކަންތަކަށް ﷲ ބަދަލުކުރައްވާނެތެވެ. އަދި ގިނަގިނައިން ފާފަފުއްސަވާ، ރަހީމްވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ."

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެފައިވާ ގޮތުގައި، ތައުބާވުމަށްފަހު އަވަސްވެގަންނަންވީ ހިތުގައި އުފެދޭ ހުސްކަން ހެޔޮ އަމަލުތަކުން ފުރާލުމަށެވެ. މުފްތީ މެންކް ފާހަގަކުރައްވާ ގޮތުގައި، އިންސާނާ ފާފައަކުން ދުރުވެގަންނަ ހިނދު، އެކަމަށް ހޭދަކުރި ވަގުތާއި ހަކަތަ ހުސްވެގެންދެއެވެ. އެ ވަގުތުތައް އަވަހަށް ހެޔޮ ކަންކަމުން ނުފުރައިފިނަމަ، ޝައިތާނާ އަލުން އެމީހާ ކުރީގެ ނުބައި އާދަތަކުގެ ތެރެއަށް ވައްޓާލުމުގެ ފުރުސަތު ބޮޑުވެއެވެ. އެހެންކަމުން، ތައުބާވުމާއެކު ހެޔޮކަންކަމަށް އަވަސްވެގަތުމަކީ އާންމު ދިރިއުޅުމުގައި ސާބިތުވެ ހުރުމަށް އޮތް އެންމެ ރަނގަޅު މަގެވެ.

އެހެންކަމުން، ކުރެވުނު ފާފައަކާ މެދު މާޔޫސްވެ، އެކަމުގެ ތެރޭގައި ތާށިވެފައި ނުހުރެ، ވަގުތުން ތައުބާވެ ހެޔޮ އަމަލުތަކައިގެން ކުރިއަށްދާންޖެހެއެވެ. ކޮންމެ އާ ދުވަހަކީވެސް ﷲ ތައާލާއާ ކުއްތަންވުމަށް ލިބޭ އާ ފުރުސަތެކެވެ. މިއަދުން މިއަދަށްވެސް އަޅުގަނޑުމެންގެ ހަޔާތް އިސްލާހުކޮށް، ގިނަގިނައިން ހެޔޮ އަމަލުކުރުމުގައި އަވަސްވެގަންނަ ބަޔަކު ކަމުގައި މުޖުތަމައުގެ ކޮންމެ ފަރުދަކުވެސް އަޒުމް ކަނޑައަޅަންޖެހެއެވެ.

ހަވާލާ: މުފްތީ މެންކުގެ ދަރުހަކުން 2025.