ލ. އަތޮޅުން ހުވަދޫ އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް އަޑިއަށް ހިނގައްޖެއެވެ.
މި ހާދިސާގައި ދޯނިން ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ވަޔާއި ކަނޑުމަގުން ދަނީ ބާރަށް ކުރިއަށް ގެންދަމުންނެވެ.
ސިފައިންނާއި ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، އަށް މީހުންނާއެކު ދަތުރުކުރި މި ދޯނި ދިޔަވެ އަޑިއަށް ދާކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭގެ ވަގުތެއްގައެވެ. މި ހާދިސާ ހިންގަން މެދުވެރިވީ ކަނޑުގަދަވެ، ދޯންޏަށް ބޮޑެތި ރާޅުތަކެއް އަރައި ދިޔަވުމުގެ ސަބަބުންނެވެ. ދޯނި ސަލާމަތްކުރުމަށް ސިފައިންނާއި ފުލުހުން ގުޅިގެން ބުރަ މަސައްކަތްތަކެއް ކުރި ނަމަވެސް، މުދަލާއެކު ދޯނި ވަނީ އެއްކޮށް އަޑިއަށް ހިނގައްޖެއެވެ.
މި ހާދިސާގައި ދޯނީގައި ތިބި މީހުންގެ ތެރެއިން ހަތް މީހަކު ސަލާމަތް ކުރެވުނު ނަމަވެސް، މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވި ފުލުހަކާއި ސިފައިންގެ ބޭކަލެއްގެ އިތުރުން ދޯނީގެ ކެޕްޓަން ވަނީ ގެއްލިފައެވެ. ގެއްލިގެން ހޯދަމުންދަނީ ޕޮލިސް ސާޖަންޓު އަލީ ނާފިއު (33 އަހަރު) އާއި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބުރާހިމް އަހުމަދު (39 އަހަރު) އަދި ދޯނީގެ ކެޕްޓަން ތ. މަޑިފުށި، މުހައްމަދު ހަމްދޫން (35 އަހަރު) އެވެ.
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުގެ ސަރަހައްދު ބެލުމުގެ އިތުރުން ވައިގެ މަގުންވެސް ހާއްސަ އޮޕަރޭޝަނެއް ދަނީ ހިންގަމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް މިހާތަނަށް އެއިން އެއްވެސް މީހެއްގެ ނިޝާނެއް ފެނިފައެއް ނުވެއެވެ. މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
