ރާއްޖޭގެ މޫސުން އިތުރަށް ގޯސްވެ، ކުރިއަށް އޮތް 24 ގަޑިއިރު ވެސް އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ. ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ ގދ. ފަރެސްމާތޮޑާއަށް ކަމަށްވާއިރު، އެ ރަށަށް 48.3 މިލިމީޓަރުގެ ވާރޭ ވަނީ ރެކޯޑު ކުރެވިފައެވެ.
މި ހަފުތާ ބަންދުގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. ނަމަވެސް އަންނަ ހަފުތާގެ އާދިއްތައާއި ހޯމަ ދުވަހު މޫސުން ކުޑަކޮށް އަލިވާނެ ކަމަށް ބެލެވޭ ކަމަށާއި، އަލިވި ނަމަވެސް ދޭތެރެއަކުން މެދުކެނޑުންތަކާއެކު ކުރިއަށް އޮތީ ވިއްސާރަ ދުވަސްތަކެއް ކަމަށް އެ އޮފީހުން ބުންޏެވެ.
މޫސުން ގޯސްވެ ކަނޑުތައް ގަދަވުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތަކެއް ވަނީ ހިނގައިފައެވެ. އެގޮތުން ކ. ތިލަފުށިން ފުރައިގެން ދިޔަ ލޭންޑިން ކްރާފްޓެއް ގާފަރު ކައިރިއަށް އަޑިއަށް ގޮސް ދެ ބިދޭސީން ގެއްލިފައިވާއިރު، ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި ސަޕްލައި ދޯންޏެއް އަޑިއަށް ގޮސް ސިފައިންގެ މީހަކާއި ފުލުހަކާއި ކައްޕި ވަނީ ގެއްލިފައެވެ.
މޫސުން ގޯސްވެ، ވިލާގަނޑުގައި ވައިގަދަވެފައި ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހާއި ސަލާމަތީ ހިދުމަތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
