ނިމުނު ޖޫން މަހުގެ ތެރޭގައި ރާއްޖެއަށް 6.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި މުއްދަތުގައި އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް އާމްދަނީގެ ގޮތުގައި 406 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ކަސްޓަމްސްއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ މޭ މަހާ އަޅާބަލާއިރު އިތުރު އަދަދެކެވެ. މޭ މަހުގެ ތެރޭގައި ރާއްޖެއަށް އިމްޕޯޓުކޮށްފައިވަނީ 5.5 ބިލިއަން ރުފިޔާގެ މުދަލެވެ. އަދި އެ މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބިފައިވަނީ 322 މިލިއަން ރުފިޔާއެވެ.
ޖޫން މަހުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާންއިންނެވެ. އެއީ 1،601 މިލިއަން ރުފިޔާގެ މުދަލެވެ. ދެވަނައަށް އެންމެ ގިނައިން މުދާ އެތެރެކުރި އިންޑިއާއިން 1،502 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ތިންވަނައަށް އެންމެ ގިނައިން މުދާ އެތެރެކުރި ޗައިނާއިން 922 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.
އެތެރެކުރި މުދަލުގެ ބާވަތްތަކަށް ބަލާއިރު، އެންމެ ގިނައިން އެތެރެކޮށްފައިވަނީ ތެލާއި ގޭހުގެ ބާވަތްތަކެވެ. އެގޮތުން 1.8 ބިލިއަން ރުފިޔާގެ ތެލާއި ގޭސް އެތެރެކޮށްފައިވެއެވެ. މީގެ އިތުރުން ކެއިންބުއިމުގެ ބާވަތްތަކުގެ ގޮތުގައި 1.7 ބިލިއަން ރުފިޔާގެ މުދާ އަދި މެޝިނަރީއާއި އެނޫންވެސް ތަކެތީގެ ގޮތުގައި 972 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވެއެވެ.
އެކްސްޕޯޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫން މަހުގެ ތެރޭގައި ރާއްޖެއިން ވަނީ 153 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައެވެ. ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓުކުރީ ތައިލޭންޑަށެވެ. އެއީ 95 މިލިއަން ރުފިޔާގެ މުދަލެވެ. ދެވަނައަށް އެންމެ ގިނައިން އިނގިރޭސިވިލާތަށް 23 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކުރި އިރު، ތިންވަނައަށް އެންމެ ގިނައިން އިންޑިއާއަށް އެކްސްޕޯޓުކޮށްފައިވަނީ 6 މިލިއަން ރުފިޔާގެ މުދަލެވެ.
