އަމިއްލައަށް މިނިވަންކަން އިއުލާންކޮށްފައިވާ "ރިޕަބްލިކް އޮފް ބަލޫޗިސްތާނު" އިން އޮގަސްޓު މަހުގެ 11 ވަނަ ދުވަހަކީ އެ ގައުމުގެ މިނިވަން ދުވަހުގެ ގޮތުގައި މުޅި ދުނިޔޭގައި ފާހަގަކުރުމަށް އިއުލާންކޮށްފިއެވެ. އަދި އެ ދުވަހު ބަލޫޗިސްތާނުގެ ގައުމީ ދިދަ ގޭގައާއި، ބާޒާރުތަކުގައާއި، ސަރުކާރުގެ އިދާރާތަކުގެ އިތުރުން އާންމު ތަންތަނުގައި ނެގުމަށް އެ ގްރޫޕުން ވަނީ ބަލޫޗިސްތާނުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
އެ ގްރޫޕުން ބުނީ 1947 ވަނަ އަހަރު ބަލޫޗިސްތާނުން އަމިއްލަ މިނިވަންކަން އިއުލާންކުރި ކަމަށާއި، ނަމަވެސް 1948 އިން ފެށިގެން ޕާކިސްތާނު އުފެދިގެން އައުމަކީ އެ ސަރަހައްދުގެ ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމެއް ކަމަށެވެ. އަދި ތާރީހީ އެކި ހާދިސާތަކަށް އަލިއަޅުވާލައި، ޕާކިސްތާނުގެ އަމަލުތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުން ނަގާލާފައިވާ ކަމަށްވެސް އެ ގްރޫޕުން ބުންޏެވެ.
މީގެއިތުރުން، ބަލޫޗިސްތާނަކީ މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އެ ގްރޫޕުން ވަނީ އިންޓަނޭޝަނަލް ކޮމިއުނިޓީއަށް ގޮވާލައިފައެވެ. އަދި 1947 ވަނަ އަހަރުގެ އިއުލާނަށް ރިއާޔަތްކޮށް، ބަލޫޗިސްތާނުގެ މިނިވަންކަން ރަސްމީކޮށް ބަލައިގަތުމަށް އިންޓަނޭޝަނަލް ޖަމާއަތްތަކުގެ އެހީތެރިކަމަށްވެސް އެ ގްރޫޕުން ވަނީ އެދިފައެވެ.
