އިންޑިއާގެ ކަރްނާޓަކާގެ ތުމަކޫރޫގައި ހުރި ޖުވެލަރީ ފިހާރައަކުން 10 ލައްކަ ރުޕީސްގެ އަގުހުރި ރަން އާއި އަލްމާސް ގަހަނާތަކެއް ގެއްލުނު މައްސަލައިގެ ތުހުމަތު މީދަލަކަށް ކުރެވި، އެ ގަހަނާތައް ހޯދައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ތުމަކޫރޫގެ "ވިޝްވާސް ޖުވެލާސް" ނަމަކަށް ކިޔާ ފިހާރައެއްގައެވެ. ފިހާރައިގެ ތަންޑުތައް ހަލާކުކޮށްލާފައި ނެތުމާއި، ވަގަށް ވަން ކަމުގެ އެއްވެސް ނިޝާނެއް ނެތުމުން ފިހާރައިގެ ވެރިންނާއި މުވައްޒަފުން ތިބީ ހައިރާންވެފައެވެ.
ގަހަނާތައް ގެއްލުނު ސަބަބު ހޯދުމަށްޓަކައި ފިހާރައިގެ ސީސީޓީވީ ފުޓޭޖުތައް ބެލިއިރު، މީދަލެއް ވަދެ ގަހަނާތައް ދަމައިގެން ގެންދާ މަންޒަރު ވަނީ ފެނިފައެވެ. މީދާ ވަނީ 10 ރަން އަނގޮޓިއާއި 3 ހާރު ވަގަށް ގެންގޮސް ފިހާރައިގެ ތެރޭގައި ހުރި މީދާ ހާއްޔެއްގެ ތެރެއަށް ވައްދާފައެވެ. ސީސީޓީވީއިން މި މަންޒަރު ފެނުމާއެކު މުވައްޒަފުން ވަނީ އެ ތަކެތި ހުރި ތަން ހޯދައި، އެ ތަން ކޮނެގެން ގަހަނާތައް ހޯދުމުގެ މަސައްކަތް ކޮށްފައެވެ.
ފިހާރައިގެ މުވައްޒަފުން ބުނީ، ގެއްލުނު ހުރިހާ ގަހަނާއެއް އަނބުރާ ލިބުމުން އެ އެންމެންވެސް ތިބީ ވަރަށް އުފަލުން ކަމަށެވެ. މީދާ ގަހަނާތައް ވަގަށް ގެންދާ މަންޒަރު ފެންނަ ސީސީޓީވީ ވިޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެ، ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ.
