ރާއްޖޭގެ އިގްތިސާދުގައި ދައުރުވާ ފައިސާގެ މިންވަރު މަދުކުރުމަށްޓަކައި، މިނިމަމް ރިޒާވް ރިކުއަރމެންޓް (އެމްއާރުއާރު) 11 ޕަސަންޓަށް މަތިކުރުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ނިންމައިފިއެވެ. މި ބަދަލަކީ އެމްއެމްއޭގެ ބޯޑުން ފާސްކޮށްގެން، ފައިސާގެ ސިޔާސަތަށް ގެންނަން ނިންމާފައިވާ ބަދަލެކެވެ.

އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން މި ބަދަލަށް އަމަލުކުރަން ނިންމާފައިވާއިރު، މިނިމަމް ރިޒާވް ރިކުއަރމެންޓަކީ ބޭންކުތަކުގައި ޖަމާވާ ފައިސާގެ ތެރެއިން ވަކި މިންވަރެއް ސީދާ އެމްއެމްއޭގައި ރައްކާކޮށްފައި ބަހައްޓަންޖެހޭ މިންވަރެކެވެ. މިހާރު 10.5 ޕަސަންޓުގައި ހުރި މި މިންވަރު 11 ޕަސަންޓަށް ބަދަލުކުރުމަށްފަހު، ކޮންމެ ތިން މަހަކުން މުރާޖައާ ކުރުމަށް ވަނީ ނިންމާފައެވެ. އަދި އަންނަ އަހަރުގެ ނިޔަލަށް މިއަދަދު 13 ޕަސަންޓަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

މީގެއިތުރުން، ބޭންކުން ހިންގާ އޯޕަން މާކެޓް އޮޕަރޭޝަން 10 ބޭސިސް ޕޮއިންޓަށް ފުޅާކުރުމަށްވެސް ވަނީ ނިންމާފައެވެ. އޯޕަން މާކެޓް އޮޕަރޭޝަނަކީ އިގްތިސާދުގައި ދައުރުވާ ފައިސާ އަނބުރާ މަރުކަޒީ ބޭންކަށް ނެގުމަށް ހިންގާ ހަރަކާތެކެވެ. މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް، މި ހަރަކާތުގެ ތެރެއިން އެވްރެޖްކޮށް 2.7 ބިލިއަން ރުފިޔާ އަނބުރާ ނަގާފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އިގްތިސާދުގައި ދައުރުވާ ދިވެހި ފައިސާގެ މިންވަރު އިތުރުވެފައިވަނީ ނިމިދިޔަ ސަރުކާރުން ހަރަދަށް ޒިންމާވުމުގެ ގާނޫނު ސަސްޕެންޑް ކުރުމަށްފަހު ފައިސާ ޗާޕުކުރުމާ ގުޅިގެންނެވެ. އެގޮތުން ތިން އަހަރު ދުވަހުގެ ތެރޭގައި 8.2 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވެއެވެ. މީގެ ސަބަބުން ބޭންކިން ނިޒާމުގެ ތެރޭގައި ދިވެހި ރުފިޔާ އިތުރުވެ، ޑޮލަރަށް އޮތް ޑިމާންޑު ބޮޑުވެގެން ދިޔައެވެ.