ރާއްޖޭގެ 15 ސަރަހައްދެއްގައި ޓޫރިސްޓު ރިސޯޓު ތަރައްގީކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފިއެވެ.
މިއީ ފަހުގެ ތާރީހެއްގައި އެއްފަހަރާ އެންމެ ގިނަ ބިންތަކެއް ޓޫރިޒަމްގެ ބޭނުމަށް ދޫކުރުމަށް ހުޅުވާލި އެއް ފަހަރެވެ. މި ބުރުގައި ހުޅުވާލި ސަރަހައްދުތަކުގެ ތެރޭގައި ހަލާލް ޓޫރިޒަމަށް ހާއްސަ ތިން ސަރަހައްދެއްވެސް ހިމެނެއެވެ.
ހަލާލް ޓޫރިޒަމަށް ހާއްސަކޮށްފައިވަނީ ހދ. މަކުނުދޫ ފަރުން 200 ހެކްޓަރުގެ ފަޅަކާއި، ލ. ފޮނަގާދޫގެ 8.18 ހެކްޓަރުގެ ބިމެއްގެ އިތުރުން ސ. ދޮންހެރައިގެ 10.23 ހެކްޓަރުގެ ސަރަހައްދެކެވެ. އިސްލާމީ އުސޫލުތަކަށް ފުރިހަމައަށް ތަބާވާ ގޮތަށް ހިންގަންޖެހޭ މި ރިސޯޓުތަކުގައި އޫރުމަހާއި ރާ ވިއްކުން މަނާވާނެއެވެ. އަދި ހަލާލް ސެޓްފިކެޓް ލިބިފައިވާ ކާބޯތަކެތި ފޯރުކޮށްދިނުމާއެކު، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ވެލްނެސް ހިދުމަތްތައް ދޭންޖެހޭނެއެވެ. މީގެ އިތުރުން މުވައްޒަފުންނަށާއި ޓޫރިސްޓުންނަށް ވަކިން ދެ މިސްކިތް ބިނާކުރަންޖެހޭނެއެވެ.
މި ބުރުގައި އެންމެ ގިނައިން ދޫކުރަން ނިންމާފައިވަނީ އުތުރުގެ އަތޮޅުތަކުން 10 ފަޅެވެ. އެއީ ހއ. މާދުނި ފަރުން 3 ފަޅާއި، ހދ. މަކުނުދޫ ފަރާއި މާފަރުން 4 ފަޅުގެ އިތުރުން ށ. ގޮނާ ފަރުން 3 ފަޅެވެ. ވަކިވަކި ރަށްތަކުގެ ގޮތުގައި ށ. ނަލަންދޫ އާއި ނ. ފަރުމުލިވެސް ވަނީ ބީލަމަށް ހުޅުވާލާފައެވެ. މިއިން ކޮންމެ ފަޅަކީ 200 ހެކްޓަރުގެ ސަރަހައްދެކެވެ.
މި ރަށްތަކާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ދޫކުރަނީ 50 އަހަރުގެ މުއްދަތަށެވެ. އަދި ރިސޯޓު ތަރައްގީކުރުމަށް 36 މަސްދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އާންމު ރިސޯޓުތަކަށް އިމްޕޯޓް ޑިއުޓީން 15 ޕަސަންޓުގެ އިނާޔަތް ލިބޭއިރު، ހަލާލް ޓޫރިޒަމް މަޝްރޫއުތަކަށް 20 ޕަސަންޓުގެ އިނާޔަތް ލިބޭނެއެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެމްބަރު 17 އިން 23 އަށެވެ.
