ލ. އަތޮޅުން ގއ. އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށް ދިޔަ "ފްރެންޑް 4" ސަޕްލައި ދޯނިން ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން ވަރަށް ބޮޑަށް ފުޅާކޮށްފިއެވެ. ހާދިސާ ހިނގިއިރު ދޯނީގައި ތިބި މީހުންގެ ތެރެއިން ގިނަ ބަޔަކު ސަލާމަތް ކުރެވުނު ނަމަވެސް، ދޯނީގެ ކެޕްޓަނާއި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ ބޭކަލަކާއި ފުލުހުންގެ ބޭކަލެއް ވަނީ ގެއްލިފައެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށްޓަކައި ވައިގެ މަގުންނާއި ކަނޑުމަގުން ބޮޑެތި ސަރަހައްދުތައް ބަލައި ފާސްކުރަމުންދާއިރު، މި މަސައްކަތުގައި ޒަމާނީ ވަސީލަތްތައް ވަނީ ބޭނުންކޮށްފައެވެ. އެގޮތުން މޯލްޑިވިއަންގެ މަތިންދާބޯޓުގެ އިތުރުން އެމްއެންޑީއެފް އެއާ ކޯރގެ ޔޫއޭވީ ޑްރޯންތައް ބޭނުންކޮށްގެން އިއްޔެ އެކަނިވެސް 881 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. ހަމައެއާއެކު، ކަނޑުމަގުން 310 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައި ފާސްކޮށްފައިވެއެވެ.

މި ބިޔަ އޮޕަރޭޝަނުގައި ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި، ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓްތަކާއި، ސީ އެމްބިއުލޭންސްތަކުގެ އިތުރުން ފުލުހުންގެ ލޯންޗުތައް ހަރަކާތްތެރިވަމުންދާ ކަމަށް ކަމާބެހޭ އޮފިޝަލުން ބުންޏެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު އެއްވެސް މަސައްކަތަކުން ގެއްލުނު ތިން މީހުންގެ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށް އޮފީހުން ބުނީއެވެ.