ކޮންމެ މަންމައަކާއި ބައްޕައަކީވެސް، އެމީހުންގެ ދަރިން ދުނިޔޭގެ ކޮންމެވެސް ރަންދާއިރާއަކުން ކުރިއަރައި، މުޖުތަމައު ބަލައިގަންނަ ފަދަ ޝަހުސިއްޔަތަކަށް ވުމަށް ފޮނި ހުވަފެންތަކެއް ދެކޭނެ ބައެކެވެ. ކާމިޔާބީގެ އުސްމިންތަކަށް ވާސިލްވުމަށްޓަކައި އެންމެ ފުރަތަމަ ބޭނުންވަނީ މައިންބަފައިން އަޅާދޭ ވަރުގަދަ ބިންގަލަކާއި ދޭ ހިތްވަރެވެ. ފާތުމަތު ޝަޒިއްޔާ (ޝަޒީ) އަކީ މިފަދަ ހިތްވަރުގަދަ ބިންގަލެއްގެ މަތީގައި ތަރުބިއްޔަތުވެ، މިއަދު އޭނާގެ މައިންބަފައިންގެ ހުވަފެންތަކުގައި ކުލަޖައްސައިދޭން އަތްކުރި އޮޅާލައިގެން ހުރި ނަމޫނާ ކަނބަލެކެވެ.

ބަދަލުވި ނަމާއެކު އައު އަޒުމެއް
ޝަޒީގެ ކުޑައިރުގެ ހަނދާންތައް އާކުރަމުން އޭނާ ކިޔައިދިން ގޮތުގައި، އޭނާއަށް އެެންމެ ފުރަަމަ ދެވުނު ނަމަކީ ގުލޭލާ ކަމަށެވެ. އެހެންނަމަވެސް ހާލަތު ދިމާކުރިގޮތުން އޭނާގެ ނަން ފާތުމަތު ޝަޒިއްޔާ އަށް ބަދަލުކުރަން ޖެހުނީ ވަރަށް ބޮޑަށް ބަލިވުމާ ގުޅިގެންނެވެ. މައިންބަފައިނ ޝަޒީގެ ނަން ބަދަލުކޮށްފައިވަނީ އޭރުގެ ވަރަށް ފުންނާބުއެސް އަންހެން ވިޔަފާރިވެރިއެއްގެ ނަމުންނެވެ.
"ބައްޕަ އަބަދުވެސް ބުނުއްވާނެ އެފަދަ ވަރުގަދަ ޝަހުސިއްޔަތަކަށް އަޅުގަނޑު ވުމަކީ ބައްޕަގެ ވަރަށް ބޮޑު އެދުމެއް ކަމަށް،" ޝަޒީ ބުންޏެވެ. މައިންބަފައިންގެ މި ބަސްތަކަކީ ޝަޒީގެ ހިތުގައި ވިޔަފާރީގެ ދާއިރާއަށް ޝައުޤުވެރިކަން އުފެދި، އެ ދާއިރާއިން ކުރިއަށް ދިއުމަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ.
ތައުލީމީ ބިންގަލާއި ކިޔަވައިދިނުމުގެ ދާއިރާ
އީ.ޕީ.އެސް.އެސް އަދި އަމީނިއްޔާ ސްކޫލުން ތައުލީމީ ހަޔާތް ފެށި ޝަޒީއަށް 1984 ވަނަ އަހަރު ސްރީލަންކާގައި ކިޔެވުމުގެ ރަން ފުރުސަތެއް ލިބުނެވެ. އެގޮތުން ލިބުނު ސްކޮލާޝިޕެއްގައި އޭނާ އެންމެ ފުރަތަމަ ހާސިލްކުރީ ޕްރީ-ސްކޫލް ޓީޗިންގ ސެޓްފިކެޓެވެ. ރާއްޖެ އެނބުރި އައިސް، ކިޔަވައިދިނުމުގެ ދާއިރާގައި އޭނާ ވަނީ ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތަކެއް ކޮށްފައެވެ. އެގޮތުން މާފަންނު މަދަރުސާ، އާލިޔާ ސްކޫލް އަދި ކަލާފާނު ސްކޫލްގައި 14 އަހަރު ވަންދެން އޭނާ ލޯތްބާއެކު ކިޔަވައިދިނެވެ. ނަމަވެސް، ސިއްހީ ހާލަތު ހުރިގޮތުން އެ މަސައްކަތާ ވަގުތީ ގޮތުން ވަކިވާން ޖެހުނެވެ.
އާއިލީ ޒިންމާއާއި ރާއްޖެއިން ބޭރަށް ކުރި ހިޖުރަ
ކިޔަވައިދިނުމުގެ ދާއިރާއާ ވަކިވުމަށްފަހު، 1999 ވަނަ އަހަރަކީ ޝަޒީގެ ހަޔާތަށް ބޮޑު ބަދަލެއް އައި އަހަރެކެވެ. އެއީ އޭނާގެ ފިރިމީހާ އަބްދުލް ބާރީ އަބްދުﷲ މަތީ ތައުލީމަށް ރާއްޖެއިން ބޭރުގައި ހުންނެވުމާ ގުޅިގެން، ދިރިއުޅުން އެކޮޅަށް ބަދަލުކުރި އަހަރެވެ. ބަލި މަންމައަކާއި ދެ ތުއްތު ދަރިން ގޮވައިގެން ރާއްޖެއާއި ބޭރާ ދެމެދު ދަތުރުކުރުމުގެ ބަދަލުގައި، އާއިލާއާއެކު ބޭރުގައި މަޑުކުރުމަށް ޝަޒީ ނިންމީ އާއިލީ ލޯތްބާއި ޒިންމާ އިސްކޮށްގެންނެވެ.

ހަލަބޮލި ދަތުރުގެ ހިމޭން އެހީތެރިޔާ
ޝަޒީގެ މި ހުރިހާ މަސައްކަތެއްގެ ފަހަތުގައި ހުރި އެންމެ ބޮޑު ބާރަކީ އޭނާގެ ލޯބިވާ ފިރިމީހާއެވެ. ދިރިއުޅުމުގެ ގޮތް ނޭނގޭ، ހަލަބޮލި ކަނޑުގައި ޝަޒީގެ އަތުގައި ހިފައިގެން، އުންމީދީ އައްސޭރިއަކަށް ގެންގޮސްދިނުމުގައި ފިރިމީހާ ބާރީ އަދާކުރި ދައުރަކީ ޝަޒީ މިއަދު ފަޚުރުވެރިކަމާއެކު ފާހަގަކުރާ ކަމެކެވެ. މައިންބަފައިންގެ ހުވަފެންތަކުގައި ކުލަޖެއްސުމަށް ކުރާ މި ދަތުރުގައި، ފިރިމީހާގެ އެއްބާރުލުމަކީ ޝަޒީއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

އިންސާނިއްޔަތަށްޓަކައި ކުރި މިންނެތް މަސައްކަތް
ރާއްޖޭން ބޭރުގައި ދިރިއުޅުނު ދުވަސްވަރު ޝަޒީގެ ފަރާތުން ފެނިގެންދިޔައީ އޯގާތެރިކަމުގެ ނަމޫނާއެކެވެ. އިންޑިއާ ފަދަ ގައުމުތަކަށް ބޭސްފަރުވާއަށް އަންނަ އާއިލާގެ މެންބަރުންނަށާއި، ގާތް ރަހުމަތްތެރިންގެ އިތުރުން، އެކި ރަށްރަށުން ބޭސްފަރުވާއަށް އަންނަ ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގައި އޭނާ ހޭލަމޭލަވެ އުޅުނެވެ. ޑޮކްޓަރުންނަށް ދެއްކުމާއި، ބޭސްފަރުވާގެ އެންމެހާ ކަންކަން ހަމަޖައްސައިދިނުމުގައި ޝަޒީ ފޯރުކޮށްދިން އެހީތެރިކަމަކީ އޭނާގެ ހިތަށް ބަޔާންކުރަންދަތް އުފާވެރިކަމެއް ލިބިގެންދިޔަ ކަމެކެވެ. މީހުންނަށް ޚިދުމަތްކުރުމުގައި އޭނާ ދެއްކި މި ހިތްހެޔޮކަމަކީ ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމް އޭނާއަށް ލިބުނު ސަބަބެކެވެ.
ކެއްކުން: ލޭގައި ހިނގާ ފަންނުވެރިކަމެއް
ޝަޒީގެ ދިރިއުޅުމުގެ އެންމެ ޚާއްޞަ އެއް ބަޔަކީ ކެއްކުމަށް އޭނާގެ ހިތުގައި އޮންނަ ލޯތްބެވެ. މި ޝައުޤުވެރިކަން އުފެދުނީ ކުޑައިރުއްސުރެ އޭނާގެ މަންމަ ކައްކާ މީރު ކެއުންތައް ވަރަށް ގާތުން ފެނިގެންނެވެ. ޚާއްޞަކޮށް މަންމަ ތައްޔާރުކުރާ ކުޅިމަހާއި، ކުޅި ރިހަ އަދި ދިވެހިވަންތަ ތަފާތު ރަހަތަކަކީ ޝަޒީގެ ހިތް އަތުލާފައިވާ ރަހަތަކެކެވެ.
ޝަޒީގެ ބައްޕައަކީ ރަށްރަށުގެ މީހުންނާ ގާތް ގުޅުމެއް ބޭއްވި ބޭފުޅަކަށްވުމުން، އެ ގެއަށް ޒިޔާރަތްކުރާ މާފުށީގެ ރައްޔިތުންނަށް މަންމަ ތައްޔާރުކޮށްދޭ މީރު ކެއުންތަކަކީ އެންމެންގެ މަޤުބޫލުކަން ހޯދާފައިވާ ރަހަތަކެކެވެ. މި ފޮނި ހަނދާންތަކާއެކު، ކެއްކުމަކީ ޝަޒީގެ ދިރިއުޅުމުގެ އެންމެ ގަޔާވާ އެއް މަސައްކަތުގެ ގޮތުގައި މިއަދު ވަނީ ބަދަލުވެފައެވެ. މަންމަގެ އަތްރަހައިން ހިތްވަރުލިބި، އެ ފަންނުގައި ކުރިއަށްދިއުމަކީ ޝަޒީގެ މުސްތަޤުބަލުގެ ތަޞައްވުރުގެ މުހިންމު ބަޔެކެވެ.
ވިޔަފާރީގެ މައިދާނުގެ ހުވަފެނުން ހަގީގަތަށް
ޝަޒީގެ ހަޔާތުގައި ވިޔަފާރީގެ ސަފުހާ އާލާވެގެން އައީ އޭނާގެ ހިތުގައި ކެއްކުމަށް އޮތް ލޯތްބާއި ފިރިމީހާގެ ފުރިހަމަ އެއްބާރުލުމާ އެކުގައެވެ. ހުޅުމާލޭގައި އޭނާ ދިރިއުޅޭ ގޭގެ ތިރީބައި، ފިރިމީހާގެ އެހީތެރިކަމާއެކު ފުރިހަމަ ކެފޭއަކަށް ބަދަލުކޮށް، ކެއިންބުއިމުގެ ޚިދުމަތް ދޭން ފެށިއެވެ. މިތަނުން ދިވެހި ސަގާފީ ރަހަތަކުގެ އިތުރުން ބޭރުގެ ތަފާތު ކެއުންތަކާއި، ޝަޒީގެ އަމިއްލަ އުފެއްދުންތަކެއް ފަދަ ތަފާތު ރަހަތައް ލިބެން ހުރެއެވެ. ފެށިއިރު އަމިއްލައަށް ކެއްކި ނަމަވެސް، ވިޔަފާރި ފުޅާވަމުން ދިޔަވަރަކަށް މުއައްޒަފުންނަށް ތަމްރީނުދީ، ޝަޒީގެ ޚާއްޞަ "އަތްރަހަ" އެއްވެސް ބަދަލެއް ނެތި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އޭނާ އިސްކަންދިނެވެ.
މަޤުބޫލުކަމާއި ފުޅާވަމުންދިޔަ ދާއިރާތައް
ޝަޒީގެ ކެފޭއަކީ ހަމައެކަނި ހުޅުމާލޭގެ ރައްޔިތުންގެ މެދުގައި މަޤުބޫލު ތަނެއް ނޫނެވެ. އެތަނުގެ ދިވެހި ކެއުންތަކަށް ފަތުރުވެރިންގެ ބޮޑު ތަރުހީބެއް ލިބުނުއިރު، ހުޅުލެ އެއާޕޯޓުގައި މަސައްކަތްކުރާ މުއައްޒަފުން ހަމައެކަނި ހަވީރު ސައިބޯލުމަށްޓަކައިވެސް އެތަނަށް ޒިޔާރަތްކުރެއެވެ. ޝަޒީގެ ކެއްކުމުގެ ހުނަރުވެރިކަން "ޓީވީ މޯލްޑިވްސް" ގެ ރޯދަ މަހުގެ ޚާއްޞަ ޕްރޮގްރާމް "ރަހަ ތަފާތު" އިންވެސް އާންމުންނަށް ފެނިގެންދިޔައެވެ. ކެފޭގެ އިތުރުން، ހުޅުމާލޭ ސެންތްރޯ މޯލްގައި ފޭރާން ވިއްކާ ފިހާރައަކާއި، އަމިއްލަ ގޭގައި ގެސްޓްހައުސްގެ ވިޔަފާރިވެސް އޭނާ ފެށިއެވެ.
ގޮންޖެހުންތަކާއެކު އައި ބަދަލު: ބެރީ ކަލެކްޝަން
ކާމިޔާބު ދުވެއްޔެއްގައި ޝަޒީގެ ވިޔަފާރިތައް ކުރިއަރަމުން ދަނިކޮށް، މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު އޭނާގެ ވިޔަފާރިއަށްވެސް ބަދަލުތަކެއް ގެންނަން ޖެހުނެވެ. އެގޮތުން ކެފޭ ހިންގުން ހުއްޓާލުމަށްފަހު، ސެންތްރޯ މޯލްގައި ހުރި ފިހާރަ އޭނާ ދިރިއުޅޭ ގޭގެ ގްރައުންޑް ފްލޯއަށް ބަދަލުކުރިއެވެ. "ބެރީ ކަލެކްޝަން" ގެ ނަމުން ނަންދެވިފައިވާ މި ފިހާރައަކީ މިއަދު ޝަޒީގެ ވިޔަފާރީގެ އެންމެ މުހިންމު އެއް ހިއްސާއެވެ. މައިންބަފައިން އެދޭ ފަދަ ހީވާގި ވިޔަފާރިވެރިއަކަށް ވުމަށް ކުރާ ދަތުރުގައި، ކޮންމެ ހުރަހަކީވެސް އައު ފެށުމެއްގެ ގޮތުގައި ޝަޒީ ވަނީ ސާބިތުކޮށްދީފައެވެ.

ލޯތްބާއި ކުލުނުން ފެށުނު "ބެރީ ކަލެކްޝަން"
ޝަޒީގެ ގާމެންޓް ވިޔަފާރިއަށް އައި އެންމެ ބޮޑު ބަދަލަކީ އޭނާގެ ފުރަތަމަ މާމަ ދަރިފުޅު ދުނިޔެއަށް އުފަންވުމާ ގުޅިގެން އައި ބަދަލެވެ. އަމިއްލަ މާމަ ދަރިފުޅަށް ބޭނުންވާ ފެންވަރު ރަނގަޅު، ރީތި ހެދުމާއި ސާމާނު ހޯދުމުގައި ކުރި ތަޖުރިބާގެ އަލީގައި، އެހެން ކުދިންނަށްވެސް އެފަދަ ތަކެތި ހެޔޮއަގުގައި ފޯރުކޮށްދިނުމުގެ މުހިންމުކަން ޝަޒީއަށް ވިސްނުނެވެ. މިއާއެކު، އޭނާގެ ފިހާރަ "ބޭބީ އެންޑް މަމްސް" އައިޓަމްތަކަށް ޚާއްޞަ ތަނަކަށް ބަދަލުކޮށްލިއެވެ. މިއީ ހަމައެކަނި ވިޔަފާރިއެއް ނޫނެވެ. މިއީ މައިންނާއި ކުޑަކުދިންނަށް އޮތް ލޯތްބެއްގެ ފެށުމެވެ.

އައިބެރީ: ދެމަފިރިންގެ ގުޅުން ރަމްޒުކޮށްދޭ ނަމެއް
ހުޅުމާލޭގައި ޝަޒީ ދިރިއުޅޭ ގޭގެ ނަމަކީ "އައިބެރީ" އެވެ. މި ނަމަކީ ޝަޒީގެ ކެފޭއާއި ފިހާރަތަކުގެ ބްރޭންޑް ނަމެއްގެ ގޮތުގައިވެސް މަޝްހޫރުވެފައިވާ ނަމެކެވެ. މި ނަމުގެ ފަހަތުގައިވަނީ ވަރަށް ލޯބި އަދި މާނަފުން ވާހަކައެކެވެ. ޝަޒީ ކިޔައިދިން ގޮތުގައި، އޭނާގެ ފިރިމީހާ ބާރީ ރާއްޖެއިން ބޭރުގައި ކިޔަވަން އުޅުއްވިއިރު، އެކުވެރިން އޭނާއަށް މުޚާތަބުކުރާ ނަމަކީ "ބެރީ" އެވެ. އެހެންކަމުން، ދެމަފިރިންގެ ގުޅުން ރަމްޒުކޮށްދިނުމުގެ ގޮތުން "އަހަރެންނާއި ބާރީ" ނުވަތަ "އައި އެންޑް ބެރީ" ގުޅުވާލައިގެން އުފެއްދި ނަމަކީ "އައިބެރީ" އެވެ.
ނަމަށް އައި ބަދަލާއި ވިޔަފާރީގެ އައު އުސްމިންތައް
ފުރަތަމަ އުފެއްދި ކެފޭއާއި ފިހާރަތަކުގައި "އައިބެރީ" ބޭނުންކުރި ނަމަވެސް، ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު ވިޔަފާރީގެ ނަންތަކަށް ބަދަލުތަކެއް ގެނައެވެ. އެގޮތުން "އައި" ކަނޑާލުމަށްފަހު، މިހާރު ޝަޒީގެ ވިޔަފާރިތައް ކުރިއަށްދަނީ "ބެރީ" މި ނަމުގެ ދަށުންނެވެ. އޭގެ ތެރޭގައި "ބެރީ ކަލެކްޝަންސް"، "ބެރީސް ކިޑްސްވެއާ" އަދި "ބެރީ ބްލޫމްސް" ހިމެނެއެވެ. މި ކޮންމެ ނަމަކީވެސް ޝަޒީގެ ހީވާގިކަމާއި، އޭނާގެ މައިންބަފައިން ދެކުނު ފޮނި ހުވަފެންތަކުގައި ކުލަޖެހެމުންދާކަމުގެ ހެކިތަކެވެ. ޝަޒީ މިއަދު މިހުރީ ވިޔަފާރީގެ ދާއިރާއިން ކުރިއަރާފައިވާ، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ނަމޫނާ އަންހެނެއްގެ ގޮތުގައެވެ.

ފެޝަނާއި އަމިއްލަވަންތަ ޑިޒައިންތަކުގެ ރާނީ
ޝަޒީއަކީ ހަމައެކަނި ހީވާގި ވިޔަފާރިވެރިއެއް ނޫނެވެ. އޭނާއަކީ ފެޝަނަށް އިންތިހާއަށް ލޯބިކުރާ، އަމިއްލަ ގޮތްތަކެއް ގެންގުޅޭ ފަންނުވެރިއެކެވެ. ތައްޔާރީ ހެދުންތަކަށް ޝައުޤުވެރިކަން ހުއްޓަސް، އަމިއްލަ ހެދުންތައް ފަހަން ދިނުމުގެ ކުރިން އެ ހެދުމެއްގެ ޑިޒައިން ކުރަހައި ފުރިހަމަކުރަނީ އޭނާ އަމިއްލައަށެވެ. އަދި އޭނާގެ ފިހާރައިގެ ހެދުންތަކަށް މޮޑެލްކޮށް، އެ ހެދުންތަކުގެ ފުރިހަމަކަން ދައްކައިދިނުމުގައިވެސް ޝަޒީ އިސްދައުރެއް އަދާކުރެއެވެ. މި މަސައްކަތުގައި އޭނާގެ ކޮއްކޮ އިބޫއާއި ރަހޫގެ ދެމަފިރިންގެ އިތުރުން، ދައްތަ އަޒީޒާގެ ފަންނީ ލަފައާއި މަޝްވަރާ އަބަދުވެސް ހޯދައެވެ. އާއިލާގެ މި އެއްބާރުލުމަކީ ޝަޒީގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރެވެ.

އާއިލީ ގުޅުމާއި މުނިފޫހިފިލުވުމުގެ ރޫހު

ވިޔަފާރީގެ ބުރަ މަސައްކަތުގައި އުޅެމުންވެސް، ޝަޒީއަކީ އާއިލާއާއި ރަހުމަތްތެރިންނަށް ވަގުތު ހުސްކުރާ، ގުޅުން ބަދަހިކުރުމަށް އިސްކަންދޭ މީހެކެވެ. ގޭގައި ތަފާތު ޖާފަތްތައް ބާއްވައި، މުނިފޫހިފިލުވުމުގެ ހަރަކާތްތައް ރޭވުމަކީ އޭނާ ވަރަށް ކުރާހިތްވާ ކަމެކެވެ. މުނިފޫހިފިލުވުމުގެ ދާއިރާއަށް ޝަޒީގެ ހިތުގައި އޮތް ޝައުޤުވެރިކަން މިއަދު ފެނިގެންދަނީ އޭނާގެ ކޮއްކޮ، މަޝްހޫރު ފިލްމީ ތަރި މުހައްމަދު މަނިކުގެ ކާމިޔާބީންނެވެ. ކޮއްކޮގެ ކުރިއެރުމާމެދު ޝަޒީ ފަޚުރުވެރިވަނީ އަމިއްލަ ހުވަފެނެއް ހަގީގަތަކަށް ވީ ފަދަ އިހުސާސަކާއެކުގައެވެ.
ކުޑައިރުގެ މަޖާ ހަނދާންތަކެއް
ޝަޒީގެ ކުޑައިރުގެ ހަނދާންތައް އާކުރަމުން އޭނާ ކިޔައިދިނީ ހިނިތުންވުން ގެނުވައިދޭ ވާހަކައެކެވެ. "އަޅުގަނޑުމެން ކުޑައިރު ގާތް މީހުން އެއްކޮށްގެން ގޭގައި ޝޯތައް ބާއްވާއިރު، ކޮއްކޮ މަނިކު ބައިންދަނީ ފިލާވަޅު ދަސްކުރަން ކޮޓަރިއަށް ލާފައި. އެކަމަކު އޭނާ ސިއްސައިގެން ކުޑަދޮރުން ބަލާނެ އަޅުގަނޑުމެން ކުޅޭ ޝޯތައް،" ޝަޒީ ބުންޏެވެ. މިއަދު މަނިކަކީ ރާއްޖޭގެ ފިލްމީ ދާއިރާގެ ރަސްގެފާނަށް ވީއިރު، ޝަޒީއަކީ ވިޔަފާރީގެ ދާއިރާގައި ފިޔަޖަހަމުންދާ ނަމޫނާ ޝަހުސިއްޔަތެކެވެ. މައިންބަފައިން ދެކުނު ފޮނި ހުވަފެންތައް މިއަދު ވަނީ ޝަޒީގެ ހިތްވަރާއި ސާބިތުކަމުން ހަގީގަތަކަށް ވެފައެވެ.
ލޯތްބާއި ކެތްތެރިކަމުން ބިނާކުރި 39 އަހަރުގެ ދިގު ދަތުރު
ޝަޒީއާއި އޭނާގެ ފިރިމީހާ ބާރީގެ ލޯބީގެ ސަފުހާތައް ފެށުނީ ސްކޫލް ދައުރުގެ މައުސޫމް ދުވަސްވަރުގައެވެ. ކައިވެނީގެ ބަދަހި ގުޅުމާއެކު ދިރިއުޅުމެއް އާރާސްތުކުރަން ފެށި ދަތުރުގައި، އެހެން ކޮންމެ އާއިލާއަކަށްވެސް ކުރިމަތިވާނެ ފަދަ އެތައް ގޮންޖެހުންތަކަކާ އެ ދެމަފިރިން ކުރިމަތިލިއެވެ. ނަމަވެސް، ވިސްނުންތެރިކަމާއި ކެތްތެރިކަން އިސްކޮށް، އެކަކު އަނެކަކަށް ދިން އެހީތެރިކަމުގެ ނަތީޖާ މިއަދު ފެންނަނީ ވަރަށް ފޮނިކޮށެވެ. މިއަދު އެ ކައިވެންޏަށް 39 އަހަރު ފުރިފައިވާއިރު، ބާރީއަކީ އަދިވެސް ޝަޒީގެ އެންމެ ގާތް އެކުވެރިޔާއެވެ. "ފިސާރި ކެރޭ ނަމޫނާ އަންހެނަކަށް ވުމަށް" ބާރީ އަބަދުވެސް ދޭ ހިތްވަރަކީ ޝަޒީގެ ކާމިޔާބީގެ ބިންގަލެވެ.

އޯގާތެރި އާއިލާއަކާއި ހީވާގި ޓީމެއް
ޝަޒީގެ ކާމިޔާބީގައި އޭނާގެ އާއިލާއާއި ގާތް އެކުވެރިންގެ ދައުރު ނުހަނު ބޮޑެވެ. "އެންމެންގެ ނަން ވަކިވަކިން ފާހަގަނުކުރެވުނަސް، އާއިލާއާއި ރަހުމަތްތެރިން އަޅުގަނޑަށް ދޭ ހިތްވަރަކީ މަސައްކަތުގައި ކުރިއަށްދާން ލިބޭ އެންމެ ބޮޑު ބާރު،" ޝަޒީ ބުންޏެވެ. އާއިލާގެ އިތުރުން، އޭނާގެ ވިޔަފާރީގައި މަސައްކަތްކުރާ މުއައްޒަފުންގެ ފަރާތުން ލިބޭ އިޚުލާޞްތެރިކަމާއި އެއްބާރުލުމަކީވެސް ޝަޒީ ނުހަނު އުފަލާއެކު ފާހަގަކުރާ ކަމެކެވެ. އޭނާގެ ސްޓާފުންނަކީ ހަމައެކަނި މުއައްޒަފުންނެއް ނޫނެވެ؛ އެއީ އޭނާގެ ވިޔަފާރީގެ އާއިލާއެވެ.

ކޮންމެ ހިނދުކޮޅަކީ އަގުހުރި ހަނދާނެއް
ޝަޒީއަކީ އޭނާ ކުރާ ކޮންމެ ކަމެއްވެސް ފުރިހަމަ ޝައުޤުވެރިކަމާއެކު ކުރާ މީހެކެވެ. ދިރިއުޅުމުގެ އުފާވެރި ވަގުތުތައް ބަލައިގަނެ، އެކަންކަން ހަނދާނުގައި ރައްކާކުރުމަށް އޭނާ ޚާއްޞަ އިސްކަމެއް ދެއެވެ. އާއިލާއާއި އެކުވެރިންނާއެކު ކުރާ ދަތުރުތަކާއި، ބާއްވާ ތަފާތު ބައްދަލުވުންތަކުގެ ހަނދާންތައް އޭނާ ރައްކާކުރަނީ މުސްތަޤުބަލުގައި އެ އުފާވެރިކަން އާކުރުމުގެ މަޤުޞަދުގައެވެ.

މިއަދު ޝަޒީއަކީ އޭނާގެ މައިންބަފައިން ދެކުނު ފޮނި ހުވަފެނުގެ ހަގީގީ ސޫރައެވެ. ކިޔަވައިދިނުމުގެ ދާއިރާއިން ފެށިގެން ވިޔަފާރީގެ އުސްމިންތަކާ ހަމައަށް އޭނާ ކުރި ދަތުރަކީ ހިތްވަރާއި، އާއިލީ ލޯތްބާއި، ސާބިތުކަމުގެ ލާމަސީލު މިސާލެކެވެ. މައިންބަފައިން އެދިލެއްވި ފަދަ "ފުންނާބު އުސް ޝަހުސިއްޔަތަކަށް" ޝަޒީ މިއަދު މިވަނީ ވެފައެވެ.
