ހުސްވަގުތުތަކުގައި ފޯނު ބޭނުންކުރުމުގެ ސަބަބުން ސިކުނޑީގެ މުހިންމު މަސައްކަތްތަކަށް ހުރަސްއެޅޭކަން ސައިންސްވެރިންގެ ހޯދުންތަކުން ސާބިތުވެއްޖެއެވެ.
އިންސާނާ އެއްވެސް ކަމެއް ނުކޮށް ހުސްކޮށް ތިބޭ ވަގުތުތަކަކީ ސިކުނޑި އަރާމުކުރާ ވަގުތެއް ކަމަށް ހީވި ނަމަވެސް، އެއީ ހަނދާންތައް ރައްކާކުރުމަށާއި ކުރިމަގުގެ ކަންކަން ރޭވުމަށް ސިކުނޑިން އެންމެ ބުރަކޮށް މަސައްކަތްކުރާ ވަގުތެވެ.
އެމެރިކާގެ ވޮޝިންގްޓަން ޔުނިވަސިޓީގެ ޑޮކްޓަރު މާކަސް ރައިކަލް 2001 ވަނަ އަހަރު ކުރެއްވި ދިރާސާއަކުން ދެއްކި ގޮތުގައި، އިންސާނާ އެއްވެސް ކަމެއް ނުކޮށް އިނަސް ސިކުނޑީގެ ހަކަތަ ދަށްވަނީ އެންމެ 5 ޕަސަންޓެވެ. ބާކީ 95 ޕަސަންޓު ހަކަތަ ބޭނުންކުރަނީ "ޑީފޯލްޓް މޯޑް ނެޓްވޯކް" (ޑީއެފްއެމް) މެދުވެރިކޮށެވެ. މިއީ އިންސާނާގެ ދިރިއުޅުމުގެ ތަޖުރިބާތަކާއި ހަނދާންތައް ދާއިމީކޮށް ރައްކާކުރުމަށް ސިކުނޑިން ހިންގާ ހާއްސަ ނިޒާމެކެވެ.
ހާވާޑް ޔުނިވަސިޓީގެ ސައިކޮލޮޖިސްޓު ޑޮކްޓަރު މަލިއާ މޭސަން 2007 ގައި ހެއްދެވި ދިރާސާއަކުން އެނގުނު ގޮތުގައި، ހުސްވަގުތުތަކުގައި ސޯޝަލް މީޑިއާ ނުވަތަ ފޯނު ބޭނުންކުރަން ފެށުމުން ސިކުނޑީގެ މި ނިޒާމު ހުއްޓުމަކަށް އާދެއެވެ. ފޯނުން ފެންނަ މައުލޫމާތުތައް މުރާޖައާކުރަން ސިކުނޑިއަށް މަޖުބޫރުވުމުގެ ސަބަބުން، ދުވަހުގެ ތަޖުރިބާތައް ހަނދާނުގެ ތެރޭގައި ހަރުނުލައި، ސިކުނޑީގެ ހަމަޖެހުން ގެއްލިގެންދެއެވެ.
ޔުނިވަސިޓީ އޮފް ވާޖިނިއާގެ ޕްރޮފެސަރު ޑޮކްޓަރު ޓިމޮތީ ވިލްސަން 2014 ވަނަ އަހަރު ކުރެއްވި ދިރާސާއެއްގައި، އެއްވެސް ފޯނެއް ނުވަތަ އެހެން ވަސީލަތެއް ނެތި 15 މިނެޓު ވަންދެން ކޮޓަރިއެއްގައި އެކަނި ތިބެން މީހުންނަށް އެންގުނެވެ. އެ ދިރާސާއިން ފެނުނު ގޮތުގައި، އަމިއްލަ ހިޔާލުތަކާއެކު ފޯނާ ނުލައި ތިބެން އުނދަގޫވެގެން، 67 ޕަސަންޓު ފިރިހެނުންނާއި 25 ޕަސަންޓު އަންހެނުން ވަނީ އަމިއްލައަށް ގަޔަށް ކަރަންޓު ޝޮކް ދީފައެވެ.
މި ދިރާސާތަކުން އެނގެނީ ހުސްވަގުތުތަކުގައި ފޯނު ބޭނުންކުރުމުގެ ބަދަލުގައި، ސިކުނޑިއަށް އެކަނި އިނދެ ހިޔާލުކުރުމުގެ ފުރުސަތު ދިނުމަކީ ނަފްސާނީ ދުޅަހެޔޮކަމަށާއި ހަނދާން ގަދަކުރުމަށް އިންތިހާއަށް މުހިންމު ކަމެއް ކަމެވެ.
