ސްމާޓްފޯނާއި ޓެބްލެޓް ފަދަ ޑިޖިޓަލް ސްކްރީންތަކުން ފޮތް ކިޔުމާއި މައުލޫމާތު ހޯދުމަކީ ކުޑަކުދިންގެ ސަމާލުކަން ކުޑަވެ، އެކުދިންގެ ކިޔެވުމަށް ނޭދެވޭ އަސަރުކުރާ ކަމެއްކަން ސައިންސްވެރިންގެ ދިރާސާތަކުން ހާމަވެއްޖެއެވެ. ސްކްރީންތަކުން ލިޔުންތައް ކިޔާއިރު ގިނަ ފަހަރަށް ކިލިޔުމުގައިވާ މައުލޫމާތު ފުންކޮށް ވިސްނައިގަތުމަށް ހުރަސްއެޅޭ ކަމަށް ދިރާސާވެރިން ބުންޏެވެ.

ސައިންސްވެރިން ފާހަގަކުރާ ގޮތުގައި، އިންސާނާގެ ސިކުނޑިއަކީ އުފަންވާއިރު ފޮތް ކިޔުމަށް ހާއްސަވެފައިވާ ސިކުނޑިއެއް ނޫނެވެ. ފޮތް ކިޔުމުގެ ހުނަރު އަށަގަންނަނީ ސިކުނޑީގެ ފެނުމާއި، އަޑުއިވުމާއި، ބަސްކޮށާރާއި ސަމާލުކަން ދިނުމުގެ ބައިތައް އެކުވެގެންނެވެ. ނަމަވެސް ޑިޖިޓަލް ވަސީލަތްތަކުން ކިޔާއިރު، ސިކުނޑިން މައުލޫމާތު ފުންކޮށް ދިރާސާކުރުމުގެ ބަދަލުގައި އަވަސްއަވަހަށް ކިޔައި ނިންމާލުމަށް އިސްކަންދެވޭ ކަމަށް ސައިންސްވެރި ންބުނެއެވެ.

ޖެނުއަރީ 2023 ގައި "ޖާމާ ޕީޑިއޭޓްރިކްސް" ދިރާސާ މަޖައްލާގައި އާންމުކުރި ދިރާސާއަކުން ދައްކާ ގޮތުގައި، އުމުރުން އަށް އަހަރުގެ ކުދިން ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާ މިންވަރު ގިނަވާވަރަކަށް އެކުދިންގެ ސަމާލުކަން ދިނުމުގެ ގާބިލުކަމާއި ކިޔެވުމުގެ ފެންވަރު ދަށްވެއެވެ. އެމެރިކާގެ ޔޫސީއެލްއޭ ގެ ނިއުރޯސައިންޓިސްޓެއް ކަމަށްވާ ރެބެކާ ގޮތުލީބް ބުނި ގޮތުގައި، ސްކްރީންތަކުން އަންނަ މެސެޖުތަކާއި ނޯޓިފިކޭޝަންތަކުގެ ސަބަބުން ކުދިންގެ ސިކުނޑި އެއް ކަމަކަށް ސަމާލުކަން ދިނުމަށް ނުކުޅެދެއެވެ.

މީގެ އިތުރުން، ޑިޖިޓަލް ސްކްރީންތަކުގެ ސަބަބުން ކުދިންގެ ވިސްނުން އެކި ކަންކަމަށް ބެހިގެންދާއިރު، ސިކުނޑީގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. "ރީޑާ، ކަމް ހޯމް" ފޮތުގައި މޭރިއޭން ވުލްފް ފާހަގަކުރި ގޮތުގައި، ޗާޕުކޮށްފައިވާ ފޮތް ކިޔުމަކީ އިންސާނާގެ ސިކުނޑީގެ ގުޅުންތައް ވަރުގަދަކޮށް، އެހެން މީހުންގެ އިހުސާސްތައް ދެނެގަތުމާއި ފުންކޮށް ވިސްނުމުގެ ހުނަރު ތަރައްގީކޮށްދޭ ކަމެކެވެ.

މި މައްސަލައަށް އޮތް އެންމެ ރަނގަޅު ހައްލަކީ ކުދިން އަލުން ޗާޕުކޮށްފައިވާ ފޮތް ކިޔުމުގެ އާދަ އަށަގަންނުވުން ކަމަށް މާހިރުން ދެކެއެވެ. ބެލެނިވެރިންނާއި ޓީޗަރުން ގުޅިގެން ކުދިންނަށް ފޮތް ކިޔައިދީ، ޑިޖިޓަލް ވަސީލަތްތަކާ ދުރުކޮށް ފޮތް ކިޔުމުގެ ލޯބި އިތުރުކުރުމަށް މަސައްކަތްކުރުން މުހިންމެވެ.