ކޮންމެ ދުވަހަކު ފޯނު ނަގައިގެން ސޯޝަލް މީޑިއާ ބޭނުންކުރާއިރު، އަޅުގަނޑުމެންނަށް ނޭނގި ނަމަވެސް އަޅުގަނޑުމެންގެ ސިކުނޑި ކޮންޓްރޯލްކުރަނީ އެހެން ބައެކެވެ. މިއީ ހަމައެކަނި ވަގުތު ހޭދަކުރާ އެޕްލިކޭޝަންތަކެއް ނޫނެވެ. މިއީ މީހާގެ ވިސްނުމާއި، ގަބޫލުކުރާ ކަންކަމާއި، އަދި ކުރިމަގުގައި މީހާ ވެގެންދާނެ ގޮތް ކަނޑައަޅައިދޭ ބާރުގަދަ ހަތިޔާރެކެވެ. ދުވާލެއްގެ މައްޗަށް އެތައް ގަޑިއިރެއް ސްކްރީނަށް ބަލަން ހޭދަކުރާއިރު، އެ ފެންނަ ކޮންޓެންޓަކީ އަމިއްލަ އިހުތިޔާރުގައި ބަލާ އެއްޗެއް ކަމަށް ހީވިޔަސް، ހަގީގަތަކީ އެއީ ވަރަށް ރޭވުންތެރިކަމާއެކު ސިކުނޑި ޕްރޮގްރާމްކުރުމަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ.

ޓެކްނޮލޮޖީ ކުންފުނިތަކުން ބޭނުންކުރާ އަލްގޮރިދަމްތަކުގެ މައިގަނޑު ބޭނުމަކީ ވީހާވެސް ގިނަ ވަގުތު މީހުން ސްކްރީނުގައި ތަތްކޮށްފައި ބޭތިއްބުމެވެ. މީގެ ސަބަބުން ސިކުނޑީގެ މަސައްކަތްކުރާ ގޮތަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމަށް ދިރާސާތަކުން ދައްކައެވެ. ސޯޝަލް މީޑިއާގެ ސަބަބުން މީހުންގެ ވިސްނުން ވަކި އަތަކަށް ޖެއްސުމާއި، ރުޅިވެރިކަން އުފެއްދުމާއި، އަދި މީހުންގެ އުޅުމަށް ނޭދެވޭ ބަދަލުތައް ގެނުވައެވެ. މިއީ ސިކުނޑިއަށް ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ސިކުނޑި އަމިއްލައަށް ބައްޓަންވަމުންދާ ދިއުމެކެވެ.

މި ކަމުގެ ފަހަތުގައިވާ އެންމެ ބޮޑު ސައިންސަކީ ސިކުނޑިން ދޫކުރާ ޑޯޕަމީން ނަމަކަށް ކިޔާ ކެމިކަލްއެވެ. މިއީ އުފާވެރިކަމާއި ހިތްހަމަޖެހުން އިހުސާސްކޮށްދޭ ކެމިކަލްއެކެވެ. ސްޓެންފޯޑް ޔުނިވަސިޓީގެ މަޝްހޫރު ސައިކިއޭޓްރިސްޓް އަދި ޑޯޕަމީން ނޭޝަން ފޮތުގެ ލިޔުންތެރިޔާ ޑރ. އެނާ ލެމްބްކީގެ ދިރާސާތަކުން ދައްކާ ގޮތުގައި، ސޯޝަލް މީޑިއާއަކީ މަސްތުވާތަކެތި ފަދައިން މީހާ އެއަށް ދެވިހިފާ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެކެވެ. ލައިކްއެއް ނުވަތަ ކޮމެންޓެއް ލިބުމުން ސިކުނޑިއަށް ލިބޭ ކުއްލި އުފާވެރިކަމަކީ މި ޑޯޕަމީންގެ ސަބަބުން ވާ ކަމެކެވެ.

ޑރ. އެނާ ލެމްބްކީ ވިދާޅުވާ ގޮތުން "މިހާރުގެ މުޖުތަމައުގައި އެންމެ އާންމުކޮށް މީހުން ދެވިހިފާފައިވާ އެއްޗަކީ އިންޓަނެޓާއި ސޯޝަލް މީޑިއާ. މިއީ އަޅުގަނޑުމެންގެ ސިކުނޑީގެ ރިވޯޑް ސިސްޓަމް ނުވަތަ އިނާމު ލިބުމުން އުފާވާ ނިޒާމު ހައިޖެކްކުރާ ކަމެއް.. އަދި ތަކުރާރުކޮށް މިކަން ކުރުމުން ސިކުނޑީގައި ޑޯޕަމީން މަދުވޭ. އާދައިގެ ކަންކަމުން އުފާ ހާސިލުކުރުމުގެ ބާރު ސިކުނޑިން ކަނޑުވާލާ," ކަމެކެވެ. މީގެ މާނައަކީ އަބަދު ފޯނާ ކުޅުމުގެ ސަބަބުން އާންމު ދިރިއުޅުމުގައި އުފާވެރިކަން ހޯދަން އުނދަގޫވުމެވެ.

ސޯޝަލް މީޑިއާގެ އަސަރު އެންމެ ބޮޑަށް ކުރަނީ ބޮޑުވަމުން އަންނަ ކުދިންނާއި ޒުވާނުންގެ ސިކުނޑިއަށެވެ. ޖާމާ ޕީޑިއެޓްރިކްސް ގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، ގިނަގިނައިން ސޯޝަލް މީޑިއާ ޗެކްކުރާ ކުދިންގެ ސިކުނޑި ބޮޑުވަމުން އަންނަ ގޮތް ތަފާތެވެ. އެ ކުދިންގެ ސިކުނޑި މުޖުތަމައުގެ މީހުން ދެކޭ ގޮތަކަށް މާބޮޑަށް ސަމާލުކަންދޭން ފަށައެވެ. މިއީ ސިކުނޑީގެ އޮނިގަނޑަށް އަންނަ ބަދަލެކެވެ.

ނިއުޔޯކް ޕްރެސްބިޓީރިއަން ހޮސްޕިޓަލްގެ ނިއުރޯސައިކޮލޮޖިސްޓް ޑރ. ހައިޑީ އެލިސަން ބެންޑާ މިކަމާ ގުޅޭގޮތުން ވިދާޅުވަނީ "ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ކުދިންގެ ސިކުނޑި ބޮޑުވުމަށް ވަރަށް ހާއްސަ ގޮތަކަށް އަސަރުކުރާކަމަށެވެ. ހާއްސަކޮށް ފުރާވަރުގެ ކުދިންނަކީ އެހެން މީހުންގެ ފަރާތުން ލިބޭ ތަރުހީބަށް ވަރަށް ބޮޑަށް ބޭނުންވާ ބަޔަކަށް ވާއިރު، މިއީ އެ ކުދިންގެ ސިކުނޑީގެ އުސޫލުތައް މުޅިން ބަދަލުކޮށްލާ ކަމެކެވެ. މިއީ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ.

ސިކުނޑިއަކީ އަބަދުވެސް އާ ކަންކަން ދަސްކޮށް ބަދަލުވަމުންދާ ގުނަވަނެކެވެ. މިއަށް ސައިންސްގެ ބަހުން ކިޔަނީ ނިއުރޯޕްލާސްޓިސިޓީ އެވެ. އަޅުގަނޑުމެންގެ ސިކުނޑިއަކީ ތެތް ސިމެންތިގަނޑެއް ފަދަ އެއްޗެކެވެ. ކޮންމެ ތަޖުރިބާއަކާއި، ކޮންމެ ވާހަކައަކާއި، ސޯޝަލް މީޑިއާއިން ފެންނަ ކޮންމެ ޕޯސްޓަކީ އެ ސިމެންތިގަނޑުގައި ލެވޭ ފިޔަވަޅެކެވެ. ތަކުރާރުކޮށް އެއްކަހަލަ ކަންކަން ފެންނަނަމަ، އެ ފިޔަވަޅުތައް ބޮޑެތި މަގުތަކަކަށް ބަދަލުވެ، މީހާގެ އާދައަކަށް އެކަން ވެގެންދެއެވެ.

އެހެންކަމުން، އަމިއްލަ ވިސްނުން ރައްކާތެރިކުރުމަށްޓަކައި އެންމެ މުހިންމު ކަމަކީ ގަސްތުގައި ކަންކަން އުނގެނުމެވެ. ސްކްރޯލް ކުރާއިރު ފެންނަހާ އެއްޗެއް ސިކުނޑިއަށް އެޅުމުގެ ބަދަލުގައި، ތިމާ ވާން ބޭނުންވަނީ ކޮންކަހަލަ މީހަކަށްތޯ އަމިއްލަ ނަފްސާ ސުވާލުކުރަން ޖެހެއެވެ. ކާމިޔާބު މީހުންނަކީ އެމީހުންގެ ސިކުނޑިއަށް ވައްދާ މައުލޫމާތު ވަރަށް ފަރުވާތެރިކަމާއެކު ފިލްޓާކުރާ މީހުންނެވެ. އަމިއްލަ ސިކުނޑި ތަރުބިއްޔަތު ނުކޮށްފިނަމަ، އަލްގޮރިދަމްތަކުން އެކަން ތިމާއަށްޓަކައި ކޮށްދޭނެއެވެ.

ގިނަ މީހުންނަށް ހީވަނީ ގިނަ ފޮތްތަކެއް ކިޔައި، ގިނަ ޕޮޑްކާސްޓްތަކެއް އެހުމުން މީހާ ބަދަލުވާނެ ކަމަށެވެ. ނަމަވެސް އަމަލީ ގޮތުން އެކަންކަން ބޭނުން ނުކުރާނަމަ، އެއީ ހަމައެކަނި މުނިފޫހިފިލުވުމެކެވެ. ސިކުނޑިއަށް ހަގީގީ ބަދަލެއް އަންނަނީ ލިބޭ މައުލޫމާތު ބޭނުންކޮށްގެން ހުނަރެއް ތަރައްގީކުރުމުންނެވެ. އެހެންކަމުން މައުލޫމާތު އެއްކުރާ މީހަކަށް ވުމުގެ ބަދަލުގައި، އެ މައުލޫމާތުގެ އަލީގައި އަމަލުކުރާ މީހަކަށް ވުމަކީ ވަރަށް މުހިންމު ކަމެކެވެ.

މި ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި އަމިއްލަ ދިރިއުޅުމުގައި ވަކި އުސޫލުތަކެއް ގެންގުޅުން މުހިންމެވެ. ފުރަތަމަ ކަމަކަށް، ވަކި މަގުސަދެއް ނެތި ފޯނު ސްކްރޯލް ކުރުން ހުއްޓާލާށެވެ. ދެވަނަ ކަމަކަށް، ބަލާ މައުލޫމާތަކީ ތިމާގެ ކުރިމަގަށް ފައިދާހުރި އެއްޗެއްތޯ ވިސްނާށެވެ. އާ ކަމެއް ދަސްކޮށްފިނަމަ، ލަސްނުކޮށް އެކަން އަމަލީ ގޮތުން ތަޖުރިބާ ކުރާށެވެ. އަދި ތަކުރާރުކޮށް އެކަން ކުރުމުން ސިކުނޑީގެ ނިއުރޯންތައް ގުޅި، އެއީ ތިމާގެ ކިބައިގައި ހުންނަ އާދައަކަށް ބަދަލުވެގެން ދާނެއެވެ.

ސޯޝަލް މީޑިއާއަކީ ރަނގަޅު ގޮތުގައި ބޭނުންކޮށްފިނަމަ ފައިދާހުރި ވަސީލަތެކެވެ. ނަމަވެސް އެއީ ތިމާގެ ވިސްނުމާއި ސިކުނޑި ކޮންޓްރޯލްކުރުމަށް ދޫކޮށްލައިގެންވާނެ އެއްޗެއް ނޫނެވެ. ޑޯޕަމީން ލޫޕުން ސަލާމަތްވެ، އަލްގޮރިދަމްގެ އަޅަކަށް ނުވެ، އަމިއްލަ ވިސްނުން މިނިވަންކުރުމަށްޓަކައި މިއަދު ފިޔަވަޅު އަޅަންޖެހެއެވެ. އަމިއްލަ ސިކުނޑި ތަރުބިއްޔަތުކުރުމުގެ ބާރު އަމިއްލަ އަތްމައްޗަށް ނަގައިގެން މެނުވީ، ހަގީގީ ކާމިޔާބީއާއި ހިތްހަމަޖެހުން ނުލިބޭނެކަން ކަށަވަރެވެ.