ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރު މުހިންމު ރޯލަކުން ފެންނަ، އެންމެ އިންތިޒާރުކުރެވޭ އެއް ފިލްމު ކަމަށްވާ 'ރާމާޔަނަ' އިންޑިއާގެ ކުރިން އިންޓަނޭޝަނަލް ސިނަމާތަކުގައި ދައްކަން ނިންމައިފިއެވެ. މި ފިލްމުގެ އުފެއްދުންތެރިން ވަނީ ބޭރުގެ ގައުމުތަކުގައި ދިރިއުޅޭ މީހުންނަށް އިންޑިއާއަށް ވުރެ ދެ ދުވަސް ކުރިން މި ފިލްމު ބަލާލުމުގެ ފުރުސަތު ދިނުމަށް ރާވާފައެވެ.

މި ފިލްމަކީ ނިތޭޝް ތިވާރީ ޑައިރެކްޓްކޮށް، ނަމިތު މަލްހޯތުރާ އުފެއްދުމަށް ތައްޔާރުވާ ބޮޑު ބަޖެޓެެއްގެ ފިލްމެކެވެ. މިއީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޅާދާއިރާއެއްގައި ދެއްކުމަށް ރާވަމުންދާ ފިލްމެކެވެ. މި ފިލްމުގައި ރަންބީރުގެ އިތުރުން ސާއީ ޕައްލަވީ އަދި ޔަޝް ފަދަ މަޝްހޫރު ތަރިން ހިމެނެއެވެ. ފިލްމު އުފައްދާ ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ މިއީ އިންޓަނޭޝަނަލް ފެންވަރުގެ ބޮޑު އުފެއްދުމަކަށް ހެދުމަށެވެ.

މި ފިލްމު އިންޑިއާގެ ކުރިން އިންޓަނޭޝަނަލް ސިނަމާތަކުގައި ދެއްކުމަށް ނިންމި ނިންމުމާއެކު، ބޭރު ގައުމުތަކުގައި ތިބި ބޮލީވުޑްގެ ފޭނުންގެ އިންތިޒާރު މިހާރު ވަނީ އިތުރުވެފައެވެ. އިންޓަނޭޝަނަލް މާކެޓުގައި ފިލްމު ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް އުންމީދު ކުރެއެވެ.