ދުނިޔޭގެ އެންމެ މަޝްހޫރު އެއް ސުޕާމޮޑެލް، ބެލާ ހަދީދްގެ ރީތިކަމާއި ތާޒާކަމުގެ ސިއްރަކީ ކޮބައިބާއޭ ހިތަށްއަރާފާނެއެވެ.

އޭނާގެ ދުވަހީ މޭކަޕް ރެޖީމާއި ހަމުގެ ރައްކާތެރިކަމަށް ކުރާ ކަންކަން ވޯގް މެގަޒިންއަށް ހާމަކުރަމުން ބެލާ ބުނި ގޮތުގައި، ކޮންމެ ދުވަހަކުވެސް ތާޒާކަމާއެކު ދުވަސް ފެށުމަށް އޭނާ ބޭނުންކުރާ އެންމެ ހާއްސަ އުކުޅަކީ އައިސް ބާތެކެވެ. ހެނދުނު ހޭލައިގެން މޫނުގެ ދުޅަވުން ކުޑަކުރުމަށާއި، ސިކުނޑި ހަމައަކަށް އަޅުވައި ފިކުރުބޮޑުވުން ދުރުކުރުމަށް އައިސް ފެނަށް މޫނު ގަނބާލުމަކީ އޭނާގެ އާދައެކެވެ.

ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ބެލާ އިސްކަންދެނީ އާދައިގެ ސިމްޕަލް ވަސީލަތްތަކަށެވެ. މޫނުގެ މަސްތައް ވަރުގަދަކޮށް، ލޭހިންގުން ރަނގަޅުކުރުމަށްޓަކައި މައިކްރޯކަރަންޓް ވަސީލަތްތައް އޭނާ ބޭނުންކުރެއެވެ. މީގެ އިތުރުން، މޭކަޕް ކުރުމުގެ ކުރިން ހަމަށް ބޭނުންވާ ތެތްކަން ފޯރުކޮށްދިނުމަށް ހާއްސަ ސީރަމްތަކާއި މޮއިސްޗަރައިޒާ ބޭނުންކޮށްގެން ހަމުގެ އޮމާންކަން ދަމަހައްޓައެވެ.

މޭކަޕް ކުރުމުގައި ބެލާ އާންމުކޮށް އިސްކަންދެނީ ގުދުރަތީ ރީތިކަން ފާހަގަކޮށްދޭ ގޮތަކަށް މޭކަޕް ކުރުމަށެވެ. ދުވާލުގެ ވަގުތުތަކުގައި ސްކިން ޓިންޓް، ކޮންސީލާ، ބްރޯންޒާ އަދި ބްލަޝް ބޭނުންކޮށްގެން ސިމްޕަލް އަދި ނެޗުރަލް ގްލޯއެއް މޫނަށް ގެނެސްދެއެވެ. މީގެ އިތުރުން، ތުންފަތުގައި ލިޕް ލައިނާ އާއި ލިޕް ޓިންޓް ބޭނުންކޮށްގެން ތުންފަތުގެ ގުދުރަތީ ކުލަ އިތުރަށް ފުރިހަމަކޮށްދެއެވެ.

ރޭގަނޑުގެ ހަފްލާތަކަށް ނުވަތަ ހާއްސަ ކެމްޕޭންތަކަށް މޭކަޕް ކުރާއިރު، އައިލައިނާ އާއި އައިޝެޑޯ ބޭނުންކޮށްގެން ބޮޑަށް ފުރިހަމަ ގްލޭމް ލުކެއް ނެރުމަށް އޭނާ ސަމާލުކަންދެއެވެ. ބެލާ ބުނި ގޮތުގައި މޭކަޕަކީ ހަމައެކަނި ބޭރުފުށް ރީތިކުރުމަށް ކުރާ ކަމެއް ނޫނެވެ. އެއީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުކޮށްދީ، ސިކުނޑިއަށް ހަމަޖެހުން ހޯދައިދޭ އުފާވެރި ވަސީލަތެކެވެ.

ސިއްހީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނު ބެލާ ހަދީދް ބުނީ، ލައިމް ބަލީގެ އުނދަގޫތައް ބޮޑުވި ދުވަސްވަރު މަސައްކަތުގައި ކުރިއަށްދިއުމަށްޓަކައި "ބެލިންޑާ" ގެ ނަމުގައި އާ ޝަހުސިއްޔަތެއް އުފެއްދި ކަމަށެވެ. މިކަމުގެ ސަބަބުން ބަލީގެ ސަބަބުން ލިބުނު ވަރުބަލިކަމާއި އުނދަގޫތަކާއެކުވެސް، ކެމެރާ ކުރިމަތީގައްޔާއި ފެޝަން ޝޯތަކުގައި ސާބިތުކަމާއެކު މަސައްކަތްކުރުމުގެ ހިއްވަރު ލިބިގެންދިޔަ ކަމަށް އޭނާ ބުންޏެވެ.