މަޝްހޫރު ޞިއްޙީ އިރުޝާދުތަކުގައި ގިނައިން ބުނެއުޅެނީ މީރުކޮށް ކާހިތްވާ ކާނާ ނުވަތަ ފޮނި އެއްޗެހި ކެއުން މަދުކުރުމުން، ފޮނި ކާއެއްޗެއްސަށް އޮންނަ ދަހިވެތިކަން ކުޑަވެ، ހަށިގަނޑުގެ ޞިއްޙަތު ރަނގަޅުވެގެންދާނެ ކަމަށެވެ. ނަމަވެސް، ބޯންމައުތު ޔުނިވަރސިޓީން ދާދިފަހުން ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކާ ގޮތުގައި ފޮނިރަހަ އެކުލެވޭ ކާނާ ކެއުން މަދުކުރުމަކީ ފޮނި އެއްޗެއްސަށް އޮންނަ ޝައުޤުވެރިކަން ކުޑަވާކަމެއް ނޫނެވެ. އަދި މިއީ އާންމުކޮށް ހީކުރެވިފައިވާ ގޮތާ ޚިލާފަށް، ހަށިގަނޑުގެ ބަރުދަނާއި ޞިއްޙަތަށް ވަގުތުން ބޮޑެތި ބަދަލުތަކެއް އަންނަ ކަމެއް ނޫންކަންވެސް މި ދިރާސާއިން ވަނީ ހާމަވެފައެވެ.

ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޢިލްމީ ދިރާސާގައި ބައިވެރިން ބަހާލެވުނީ ތިން ގްރޫޕަކަށެވެ. އެއީ ގިނައިން ފޮނިރަހަ އެކުލެވޭ ކާނާ ކޭ ގްރޫޕާއި، މަދުން ފޮނިރަހަ އެކުލެވޭ ކާނާ ކޭ ގްރޫޕުގެ އިތުރުން އާންމު މިންވަރަކަށް ފޮނިރަހަ އެކުލެވޭ ކާނާ ކޭ ގްރޫޕެވެ. މި ދިރާސާ ނިމުނުއިރު، ފޮނި ކާއެއްޗެހި ކެއުން މަދުކުރި ގްރޫޕުގެ މީހުންގެ ފޮނިރަހައަށް އޮތް ލޯތްބާއި ދަހިވެތިކަމަށް އެއްވެސް އުނިކަމެއް އައިސްފައެއް ނުވެއެވެ. މިއިން އެނގިގެންދަނީ އިންސާނާގެ ދޫ ފޮނިރަހައަށް އާދަވުމަކީ ހަމައެކަނި ކާއެއްޗެހި މަދުކުރުމުން އެކަނި ބަދަލުވާ ކަމެއް ނޫންކަމެވެ.

މީގެއިތުރުން، ދިރާސާގެ ނަތީޖާއިން ދެއްކި ގޮތުގައި ތަފާތު މިންވަރަށް ފޮނިރަހަ އެކުލެވޭ ކާނާ ބޭނުންކުރި ތިން ގްރޫޕުގެ މީހުންގެ ބަރުދަނަށްވެސް ބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. އަދި ހަކުރުބައްޔާއި ހިތުގެ ބަލިތަކާ ގުޅުންހުރި ސިއްޙީ ނިޝާންތަކަށް ނުވަތަ މާކަރުތަކަށްވެސް ފާހަގަކުރެވޭފަދަ އެދެވޭ ބަދަލެއް އައިސްފައެއް ނުވެއެވެ. މިއީ ފޮނި އެއްޗެހި ކެއުން ހުއްޓާލުމުން ސިއްޙީ ގޮތުން ވަގުތުން ބޮޑެތި ފައިދާތަކެއް ކުރާނެކަމަށް ބަލައިގެން ތިބި ގިނަ ބަޔަކަށް ލިބުނު ހައިރާންކަމެކެވެ.

މި ދިރާސާ ނިމުމަށްފަހު، ބައިވެރިންގެ އާންމު ދިރިއުޅުމުގެ ކެއިންބުއިމުގެ އާދަތަކަށް ބެލިއިރު، ގިނަ މީހުން ވަނީ އަލުން ކުރީގެ ކެއިންބުއިމުގެ އާދަތަކަށް އެނބުރި ގޮސްފައެވެ. ސައިންސްވެރިން ބުނާ ގޮތުގައި، ކެއުމުގެ މިންގަނޑުތަކަށް ކެތްތެރިކަމާއެކު ދާއިމީ ބަދަލެއް ގެނެވޭނީ ހަމައެކަނި ވަކި ރަހައެއް ކަނޑާލައިގެންނެއް ނޫނެވެ. އޭގެ ބަދަލުގައި މުޅި ދިރިއުޅުމުގެ އާދަކާދައާއި، ބެލެންސްޑް ނުވަތަ މެދުމިންކޮށް ކެއުމުގެ އާދަ އަށަގަނެގެން މެނުވީ ދެމެހެއްޓެނިވި ސިއްޙީ ފައިދާއެއް ނުހޯދޭނެއެވެ.

ހަވާލާ: ސައިންސް ޑެއިލީ 2026.