ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް އަޑިއަށް ދިޔަ ސަޕްލައި ދޯނިން ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތުގައި ބޭރު ގައުމުތަކުގެ އެހީތެރިކަން ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ "ފްރެންޑްސް 4" ދޯނީގެ ކައްޕި މުހައްމަދު ހަމްދޫންގެ އިތުރުން އެމްއެންޑީއެފްގެ އިބުރާހިމް އަހުމަދު އަދި ފުލުސް އޮފިސަރު އަލީ ނާފިއު އެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި، ވައިގެ މަގުންނާއި ކަނޑުމަގުން ބޮޑު ސަރަހައްދެއް ބެލި ނަމަވެސް އެ މީހުންގެ އެއްވެސް ނިޝާނެއް މިހާތަނަށް ނުފެނެއެވެ.
އެ ދޯނި އަޑިއަށް ދިޔައީ ގއ. ކުޑަލަފަރީގެ 4.1 ނޯޓިކަލް މޭލު ބޭރަށެވެ. އެ ސަރަހައްދުގެ ފުންމިނުގައި 1،645 މީޓަރު ހުންނާނެ ކަމަށް ލަފާކުރެވޭއިރު، އެ ފުންމިނުގައި އޮތް ދޯނި މައްޗަށް ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން ފޮރިން މިނިސްޓްރީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ކަމާގުޅޭ އިދާރާތަކާއެކު އެންމެ އިސްކަމެއް ދެނީ ގެއްލުނު މީހުން ހޯދުމުގެ މަސައްކަތަށް ކަމަށެވެ. އަދި އަޑިއަށް ދިޔަ އުޅަނދާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތަކަށް ބޭރުގެ ގައުމުތަކުގެ ފަންނީ އެއްބާރުލުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
ކަމާބެހޭ ހުރިހާ މުއައްސަސާތަކާއި އިންޓަނޭޝަނަލް ބައިވެރިންނާ ގުޅިގެން، މީހުން ހޯދުމުގެ މަސައްކަތުގައި ލިބެން ހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފަމުންދާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީން ވަނީ ދީފައެވެ.
