އެސްއެމްއީ ޑިޖިޓަލްއިން މިހާތަނަށް ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމީ އުސޫލަށް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން ހާއްސަ އޯޕަންޑޭއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ހަރަކާތް އޮންނާނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.
މި އޯޕަންޑޭ ކުރިއަށްދާނީ ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗުގައި، އެ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެއެވެ. މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ ކުރިން ދޫކޮށްފައިވާ ލޯނުތައް ޝަރީއާ ކޮމްޕްލަޔަންޓް ފެސިލިޓީތަކަށް ވަގުތުން ބަދަލުކުރުމުގެ އިންތިޒާމު ހަމަޖެއްސައިދިނުމެވެ. އަދި މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ އޮފާތައް ފޮނުވާފައެވެ.
އޯޕަންޑޭގެ ތެރެއިން އެސްއެމްއީ ޑިޖިޓަލްގެ ޓީމުން ކަސްޓަމަރުންނަށް ލިބިފައިވާ އޮފާތަކާ ބެހޭ މައުލޫމާތު ދީ، އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އޮފާ ގަބޫލުކުރާ ކަސްޓަމަރުންނަށް އާ އެއްބަސްވުމުގައި ސޮއިކޮށް، ލޯނު އިސްލާމީ އުސޫލަށް ބަދަލުކުރުމުގެ މަރުހަލާ އެ ދުވަހު ނިންމާލެވޭނެއެވެ. މީގެ އިތުރުން، އައިޑެންޓިފިކޭޝަން ކަށަވަރުކުރުމަށްޓަކައި އައިޑީ ކާޑު ގެންނަންޖެހޭނެ ކަމަށްވެސް އެސްއެމްއީ ޑިޖިޓަލްއިން ބުންޏެވެ.
ލޯނުތައް އިސްލާމީ ފައިނޭންސަށް ބަދަލުކުރުމުން ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ފައިސާ އަނބުރާ ދެއްކުމަށް ދިގު މުއްދަތެއް ލިބުމާއި، މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަވެގެން ދިއުން ހިމެނެއެވެ.
ގަވާއިދުން ފައިސާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް، އާ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ކުރިއަށް އޮތް 6 މަސްދުވަހު ގަވާއިދުން ފައިސާ ދައްކައިގެން ކްރެޑިޓް ރިކޯޑު ރަނގަޅުކުރުމުގެ ފުރުސަތު ލިބޭނެއެވެ. މީގެ ސަބަބުން ކުރިމަގުގައި އިތުރު ފައިނޭންސިން ހޯދުމަށް ފަސޭހަވެގެންދާނެއެވެ.
މި ބަދަލަކީ އެސްއެމްއީ ޑިޖިޓަލްއަކީ ފުރިހަމަ އިސްލާމިކް ފައިނޭންސް ފޯރުކޮށްދޭ މާލީ އިދާރާއަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.
