ރާއްޖެއަށް އައި 1.2 މިލިއަން ޓޫރިސްޓުންގެ ތެރެއިން އެންމެ ގިނަ މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.2 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފައެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުންގެ ތެރެއިން 73.1 ޕަސަންޓު މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެއީ ޖުމްލަ 922,974 ޓޫރިސްޓުންނެވެ. މިއީ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ބޮޑު ބައެކެވެ.

ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރި ޓޫރިސްޓުންނަށް ބަލާއިރު އެންމެ ގިނައީ އިނގިރޭސިވިލާތުގެ ޓޫރިސްޓުންނެވެ. އެ ގައުމުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 99,886 ޓޫރިސްޓުން އައިއިރު، މީގެ ތެރެއިން 87.3 ޕަސަންޓު މީހުން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގައެވެ. ދެވަނައަށް އެންމެ ގިނައިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރީ ސްވިޒަލޭންޑްގެ ޓޫރިސްޓުންނެވެ. އެ ގައުމުން އައި 24,380 ޓޫރިސްޓުންގެ ތެރެއިން 86.3 ޕަސަންޓު މީހުން ރިސޯޓުތަކުގައި ތިބިއިރު، ތިންވަނައިގައި އޮތް ރަޝިއާއިން އައި 184,927 ޓޫރިސްޓުންގެ ތެރެއިން 81.5 ޕަސަންޓު މީހުން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގައެވެ.

ރާއްޖޭގައި މިވަގުތު ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށްޓަކައި 184 ރިސޯޓު ވަނީ ހުޅުވާފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ތަންތަނުގެ އެނދުގެ ކެޕޭސިޓީއަކީ 45,865 އެވެ. މިއީ ރާއްޖޭގައި އޮޕަރޭޓުކުރަމުންދާ އެނދުގެ 66 ޕަސަންޓެވެ.